ޚަބަރު

ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި


  • 36 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ

ރިސޯޓުތަކުގެ ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން 10 ރިސޯޓު ތަރައްޤީކުރުމަށް ރަށްރަށް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، މިމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓޫރިޒަމް ސެކްޓަރއިން ވަކި ބަޔަކު މުއްސަނދިވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އެހެންކަމުން ތަފާތުކުރުމެއްނެތި ކޮންމެ ދިވެއްސަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާއެއް އޮންނަ މީހެއްގެ ގޮތުގައި ހެއްދެވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށެވެ. އެހެންކަމުން 10 ރިސޯޓެއް ތަރައްޤީކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރައްވާ އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ގޮސްފައިވާ ހިސާބަކީ، މާލެއަތޮޅާއި އެކިއަތޮޅުތަކުން ފަޅުތަކާއި ރަށްތަށް ކަނޑައަޅާ، މިހަފްތާގެ ތެރޭގައި ނިމި ދެން އަޅުގަނޑުމެން އޭގެ ދެންހުރި މަސައްކަތް ކުރިއަށްގެންދާނެ އިރާދަކުރެއްވިޔާ އުއްމީދަކީ ނޮވެންބަރު މަހުގެ ތެރޭގައި މީގެ ބައެއް މަސައްކަތްތައް އުފެދުން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 10 ރިސޯޓުގެ ޝެއާ ހޯލްޑަރުންނަށް ދިވެހިން ހެދުމުގެ މަސައްކަތް 36 މަސް ދުވަހުގެ ތެރޭގައި ނިންމަވާ އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ މަގުފަހިކުރެއްވުމަށް އެމަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، ދިވެހިރާއްޖޭގެ ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިންނަކީ ދިވެހިން ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް އެފަދަ އެސެޓުތަކުގެ ސީދާ އާމްދަނީއެއް ލިބޭނެ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން އާމްދަނީ ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަން ވަނީ ޢިއުލާންކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި، ޤާނޫނަކުން ކަނޑައަޅުއްވާނެ ކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އަދި މިމަޝްރޫޢުން ސާފު ފައިދާ ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 2030 ވަނަ އަހަރުގެ ތެރޭގައެވެ.