ޚަބަރު

އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ


  • މިކްސް މާކެޓް ބަލަހައްޓާނީ މިފްކޯއިން

  • ސަރުކާރު ޙިއްސާވާ ކުންފުނިތަކަށްވަނީ ބަދަލުގެނެސްފައި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަމަށެވެ. އޭގެ ތެރޭގައި ބައެއް ކުންފުނިތައް އުވާލުމާއި، ބައެއް ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުންފަދަ ކަންކަން ހިމެނެއެވެ.

މިފްކޯ އާއި އެގްރޯނެޓް އެކުގައި މަސައްކަތް ކުރަންފެށުމުން، ވަރަށް ގިނަ ފައިދާތައް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެބަދަލާއެކު އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒު ހާސިލްކުރުމާއި، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްވެސް ފަސޭހަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް ވިއްކަން ޚާއްސަކޮށްގެން މާލޭގައި އަޅާ މާރުކޭޓް ބަލަހައްޓާނީވެސް މިފްކޯއިންކަމަށެވެ.

"ދެމެހެއްޓެނެވި ގޮތެއްގައި އެތަން ރަންކުރެވި، ވިޔަފާރިތަކާ، އާއްމުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި، ރަނގަޅަށް ބެލެހެއްޓުމަށްޓަކާ ސަރުކާރުން ހަވާލުކުރަން ނުޖެހޭގޮތަށް އެތަން މިފްކޯ އާ ހަވާލުކުރަނީ. އެތަން އަންނަ އަހަރުގެ ޑިސެމްބަރުމަހުގެ 10އަށް ނިމޭނެ އިރާދަކުރެއްވިއްޔާ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެގްރޯނެޓް (އެގްރޯ ނެޝަނަލް ކޯޕަރޭޝަން) އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް 2020 ވަނަ އަހަރު އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަޤްސަދަކީ، ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމައަގު ހޯދައިދިނުމާއި ބާޒާރަށް ނެރެދިނުމެވެ. މީގެއިތުރުން، ދަނޑުވެރިކަމުގެ ވިޔަފާރިއަށް ބޭނުންވާ ފަންނީ އަދި އިދާރީ ޤާބިލްކަން ކުރިއެރުވުމަކީ އެ ކުންފުނީގެ މަޤްސަދެކެވެ.