ޚަބަރު

ހުރްމުޒްގައި ދަތުރުކުރުން މަނާ ސަރަހައްދެއް އީރާނުން ކަނޑައަޅަނީ


ކުރިއަށް އޮތް ދުވަސްތަކުގައި ހުރްމުޒް ކަނޑުއޮޅި ކައިރީގައި ދަތުރުކުރުން "މަނާ ސަރަޙައްދެއް" ކަނޑައަޅާނެ ކަން އީރާނުގެ ދިފާޢީ އިސް ކޮމާންޑަރު މުޙުސިން ރިޒާއީ ހާމަކުރައްވައިފިއެވެ. އޭނާ ވިދާޅުވީ، މި ސަރަޙައްދު ފެށޭނީ އެމެރިކާގެ އަސްކަރީ ޙިޞާރުގެ ރޮނގުން ފެށިގެން ކަމުގައެވެ. އަދި، ހުއްދަނެތި މި ސަރަޙައްދަށް ވަންނަ އުޅަނދުތައް އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށް އިތުރުކުރާނެ ކަމުގައި އޭނާ އިންޒާރު ދެއްވިއެވެ. މީގެއިތުރުން، އީރާނުގެ ހުއްދައާއެކު ހުރްމުޒް ހުރަސްކޮށް ދަތުރުކުރެވޭނެ އައު މަގަކާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޢުމާނާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމުގައި ވެސް ރިޒާއީ ހާމަކުރެއްވިއެވެ. އެ މަގު އޮންނާނީ އީރާނުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅި މިހާރު އޮތީ އީރާނުގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގައި ކަމުގައި ރިޒާއީ ވިދާޅުވިއެވެ. މި ކަނޑުއޮޅި ހުޅުވިފައިއޮތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަމުންދާ ވާހަކަފުޅަކީ ދޮގެއް ކަމުގައި ވެސް އޭނާ ސިފަކުރެއްވިއެވެ. ކުރިން ކޮންމެ ދުވަހަކު 100 މިލިޔަން ޓަނުގެ މުދަލާއެކު 100 އަށްްވުރެ ގިނަ އުޅަނދު މި ކަނޑުއޮޅި ހުރަސްކުރެއެވެ. ނަމަވެސް، މިހާރު ދަތުރުކުރަނީ އީރާނަށް ޒަރޫރީ މުދާ އުފުލާ ހަތެއް ނުވަތަ އަށެއްކަ އުޅަނދު އެކަނި ކަމުގައި ރިޒާއީ ވިދާޅުވިއެވެ. އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ގައި އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓައިލުމަށް ސޮއިކުރި ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން ޖުލައި މަހު ރޫޅުނު ފަހުން ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

މި ދަނޑިވަޅުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރަކަށާއި ޑިސްޓްރޯޔަރ މަރުކާގެ މަނަވަރަކަށް އީރާނުން ދާދިފަހުން ހަމަލާދީފައިވާ އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ވަނީ ކަށަވަރު ކޮށްދީފައެވެ. އޭގެ ރައްދުގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރާ (އައިއާރްޖީސީ) ގުޅުންއޮތް ތެޔޮ އުފުލާ ތިން ޓޭންކަރަކަށް އެމެރިކާއިން ހަމަލާދިނެވެ. އެއަށްފަހު، އީރާނުން ވަނީ އެމެރިކާއާ ގުޅުންހުރި އުޅަނދުތަކަކަށް ހަމަލާދީ ބަދަލުހިފާފައެވެ. ސެންޓްކޮމްގެ ކޮމާންޑަރު ބްރެޑް ކުޕަރ ވިދާޅުވީ، އީރާނުން އެމެރިކާއާ ގުޅުން އޮތް އިތުރު އުޅަނދަކަށް ހަމަލާދީފިނަމަ އީރާނުގެ ތިން އުޅަނދަކަށް ރައްދު ހަމަލާދޭނެ ކަމުގައެވެ. އަދި، އީރާނުގެ ޢަމަލުތަކުގެ އިޤުތިޞާދީ އަގު ބޮޑުވާނެ ކަމުގައެވެ. އެމެރިކާއިން އަންނަނީ އީރާނުގެ ބަނދަރުތައް ޙިޞާރުކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

މި އިންޒާރުތަކަށް ރައްދު ދެއްވަމުން އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، އެމެރިކާގެ ހަމަލާތަކާ "ބައްދަލު" ނުވަތަ އެއްވަރުގެ ރައްދު ދިނުން ނިމުމަކަށް އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މާ "ވޭންދެނިވި" ހަމަލާތަކެއް ރައްދުގައި ދޭނެ ކަމުގައެވެ. މީގެ އިތުރުން، ކަނޑުއޮޅީގެ މައްޗަށް އެމެރިކާގެ ބާރު އޮތް ކަމުގައި ޓްރަމްޕް ދަޢުވާކުރައްވާއިރު، ވިޔަފާރި އުޅަނދުތަކަށް ދޭ ހަމަލާތައް ނުހުއްޓަނީސް އީރާނާއެކު މަޝްވަރާ ނުކުރާނެ ކަމުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ ވިދާޅުވެފައެވެ.