ޚަބަރު

ޒަމާނީ ވަޞީލަތްތަކާއި، ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި


3 އަހަރަށްފަހު، ޒަމާނީ ވަޞީލަތްތަކާއެކު ރާއްޖޭގައި ހުރި އެންމެ ބޮޑު ސިނަމާ "އޮލިމްޕަސް" އަލުން ހުޅުވައިފިއެވެ.

އޮލިމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ރަސްމިއްޔާތުގައި ދަޢުލަތުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެހާރާއި މިހާރުގެ ފަންނާނުންވެސް ބައިވެރިވެފައިވެއެވެ.

ޒަމާނީ ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، އޮލިމްޕަހަކީ ރާއްޖޭގެ މުނިފޫހިފިލުވުމާއި، ފަންނުވެރިކަމާއި، މިއުޒިކީ ދާއިރާއާގުޅުންހުރި މުހިއްމު ތަނެއްކަމަށެވެ. އަދި މިއީ ރާއްޖެއާއި ސަރަޙައްދީ ޤައުމުތަކާ އޮންނަ ގުޅުންވެސް ރަމްޒުކޮށްދޭ މުހިއްމު ޢިމާރާތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮލިމްޕަސް ޒަމާނީ ކުރުމަށް ކުރި މަސައްކަތް ލަސްވެގެންދިޔައީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި، ރާއްޖޭން ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުމުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުންކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ. ޒަމާނީ ހިތްގައިމު ބަދަލުތަކަކާއެކު އޮލިމްޕަސް އަލުން ހުޅުވިގެންދިޔަ ދިއުން އެކަމަނާ ސިފަކުރެއްވީ، ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދިޔަ އައު ދިރުމެއްގެގޮތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ ރާއްޖޭގެ ޢިޖްތިމާއީ ކުރިއެރުމާގުޅިފައިވާ މިކަހަލަ މުހިއްމު މަސައްކަތެއްގައި އިންޑިއާއަށް ބައިވެރިވެވޭކަމީ ލިބޭ ފަޚުރަކާއި އުފަލެއްކަމަށެވެ. އަދި އޮލިމްޕަސް އަލުން ހުޅުވިގެންދިއުމާއެކު ރާއްޖެއާއި އިންޑިއާގެ ފަންނާއި ސަޤާފަތާއި ގުޅުންހުރި އިތުރު ހަރަކާތްތައް ދެ ޤައުމު ގުޅިގެން ކުރިއަށްގެންދިއުމަށްވެސް ފުރުޞަތު ފަހިވެގެންދާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

އޮލިމްޕަހަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސިނަމާއެވެ. މިތަން އެކި ދުވަސްވަރުގެ މަތިން މަރާމާތުކޮށްފައިވެއެވެ. އެގޮތުން ޒަމާނަށް އަންނަ ބަދަލުތަކަށް ފެތޭގޮތަށް އޮލިމްޕަސް އެންމެ ފަހުން މަރާމަތުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މިއީ އަހަރުން އަހަރަށް އައު ޓެކްނޮލޮޖީ އަންނަ ސިނާއަތަކަށްވާތީ، އޮލިމްޕަހަށް މާ ބޮޑު ސަމާލުކަމެއް ނުދެވި، އަނެއްކާވެސް މަޑުމަޑުން ފަހަތަށް ދާން ފެށިއެވެ. އަދި އެއީ ދުވަސްވީ އިމާރާތަކަށް ވާތީވެ، ބައެއް ދިމަދިމާ ބާވެ މައްސަލަތައް ނުކުންނަން ފެށިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންސީއޭއާ، 2019 ވަނަ އަހަރު އޮލިމްޕަސް ހަވާލުކުއިރު އެތަނުގެ އިމާރާތާއި ޓެކްނިކަލް ވަސީލަތްތައް ހުރީ އެކަށީގެންވާ ވަރަށްވުރެ ދަށް ފެންވަރުގައެވެ. އަދި ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ތަރައްޤީކުރާނެ ޕްރޮޖެކްޓެއް އެކުލަވާލައި އިންޑިއާ އިން 8 މިލިއަން ރުފިޔާގެ ހިލޭ އެހީ ހޯދިއެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތް ދިގުލައިގެން ދިޔައެވެ.

ކޯވިޑަށް ފަހު މަސައްކަތް އަލުން ފަށައި، އިމާރާތުގެ ބާވެ ހަލާކުވެފައިވާ ދިމަދިމާ މަރާމާތުކުރުމުގެ މަސައްކަތް ކުރެވުނެވެ. އެގޮތުން ރެނދު އަޅާފައިވާ ކޮންކްރީޓް ތަނބުތައް މަރާމާތުކޮށް ފުރާޅު ވަނީ ބަދަލުކޮށްފައެވެ. އަދި ޒަމާނާ ރައްޓެހި އައު ޓިކެޓް ކައުންޓަރެއް ވަނީ ތަރައްޤީކޮށްފައެވެ. މިއީ ދިވެހި ސަރުކާރުގެ ބަޖެޓުން ކުރެވުނު މަސައްކަތްތަކެކެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނުވީ އިންޑިއާ ސަރުކާރުގެ ފައިސާގެ އެހީ ހަމަޖެހި، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިގަނެވުނު ހިސާބުންނެވެ.

އެގޮތުން މަލްޓިމީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރެއް ވަނީ އިންސްޓޯލްކޮށްފައެވެ. އަދި ކުރިން ހުރި 2.1 ގެ ސައުންޑުގެ ބަދަލުގައި 7.1 ގެ ސަރައުންޑު ސައުންޑް ސިސްޓަމެއް ވަނީ ޤާއިމުކޮށްފައެވެ. ސައުންޑް އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް މުޅި ހޯލާއި ސްޓޭޖުގެ އެކޯސްޓިކްސް ޓްރީޓުކުރިއެވެ. ތަނުގެ އަޑު ނުސާފުވެގެން ކުރިމަތިވާ މައްސަލަތަކެއް ދެނެއް ކުރިމައްޗެއް ނުވާނެއެވެ.

މީގެ އިތުރުން، 14 އަހަރަށް ފަހު، މިއުޒިކާއި ނެށުމާއި ސްޓޭޖު ތަމްސީލުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނޭގޮތަށް އޮލިމްޕަސް ސްޓޭޖުގައި ސައުންޑު އަދި ލައިޓު ސެޓަޕް ވަނީ ޤާއިމުކޮށްފައެވެ. އަދި ސްޓޭޖުގައި ތަފާތު ގިނަ ހަރަކާތްތައް ފަސޭހަކަމާއިއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރިޓްރެކްޓް ކުރެވާ ސްކްރީނެއް ވަނީ އިންސްޓޯލުކޮށްފައެވެ.

ސްޓޭޖު ލައިޓާއި ސައުންޑުގެ ކޮންޓްރޯލު ޤާއިމުކުރުމަށާއި ސްޓޭޖު ހަރަކާތްތައް ފަސޭހައިން ވީޑިއޯ އަދި ފޮޓޯ ނެގުމަށް ހޯލުގެ ފަހަތުގައި ޚާއްސަ ޕްލެޓްފޯމެއްވެސް ހަދާފައިވެއެވެ. ދެވަނަ ފިޔަވަހީގައި ދެން ގެނެވުނު އެންމެ ބޮޑު ބަދަލަކީ މައި ހޯލުގެ މަތީގައި އިޝްތިހާރުކުރުމަށް ލެޑް ޕެނަލްއެއް ބެހެއްޓުމެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އޮލިމްޕަސް ހޯލަށާއި ގޯތިތެރެ ފަސޭހައިން ބޭނުންކުރެވޭނެހެން ރޭމްޕްތައް ހެދުމާއި، ތަނުގެ އިންޓީރިއަރ ޑިޒައިނަށް ގެނެސްފައިވާ ޒަމާނީ ބަދަލުތައްވެސް ފާހަގަކޮށްލެވެއެވެ.

އޮލިމްޕަސް އަލުން ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ދިވެހި ފަންނާނުންގެ ހިތްގައިމު ލައިވް ޕަރފޯމަންސްތަކަކާވެސް އެކުގައެވެ. އެގޮތުން ވަކިވެގޮސްފައިވާ ބައެއް ލަވަކިޔުންތެރިންނާއި، 70ގެ އަހަރު ތަކުގައި ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދި 3 ބޭންޑަކަށް ޚާއްސަ މިއުޒިކަލް ޓްރިބިއުޓެއް ވަނީ ދީފައެވެ.

މީގެ އިތުރުން މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ފަރާތުން "އަހަރެންގެ އޮލިމްޕަސް" މި ނަމުގައި ޚާއްސަ ތިއޭޓްރިކަލް ޕަރފޯމަންސް އައިޓަމަކާއި، އަނިރޫދު ވަރްމާ ކަލެކްޓިވްގެ ފަރާތުން އިންޑިއާގެ ކްލެސިކް މިއުޒިކް ޕަރފޯމަންސެއް ހުށަހަޅައިދީފައިވެއެވެ.