ޚަބަރު

ކްރޮސް ސަބްސިޑީ އުސޫލުން މަޑިވަރު އެއަރޕޯޓު އިންޓަނޭޝަނަލް ކުރަން ފައިނޭންސް ހޯދަނީ


ކްރޮސް ސަބްސިޑީ އުސޫލުން ޅ. މަޑިވަރު އެއަރޕޯޓު އިންޓަރނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފިއެވެ.

ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ދަޢުލަތުގެ އާންމު މަންފާއަކަށްޓަކައި ޙާޞިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއެއް ގޮތަށް މި މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަނޑައަޅުއްވައި އެކަން އިއުލާންކުރެއްވީ އެމަނިކުފާނު ނެރުއްވި ގަރާރުގައެވެ. މި މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް ވަނީ ގަރާރުގައި ކަނޑައަޅާފައެވެ.

މަޑިވަރުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ތަރައްޤީކޮށްފައެވެ. މަޑިވަރު އެއަރޕޯޓް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި އެއަރޕޯޓު މިހާރު ހިންގަމުން އަންނަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ކައްދޫ އެއަރޕޯޓު އިންޓަނޭޝަނަލް ކުރުމަށް ވެސް މިފަހުން ފައިނޭންސް ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ރާޢްޖޭގެ އެކި ސަރަޙައްދުތަކުގައި އެއަރޕޯޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުވެސް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ގދ. ފަރެސްމާތޮޑާ އެއަރޕޯޓް އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު މިއަހަރުގެ ތެރޭގައި އިތުރު 3 އެއަރޕޯޓެއްގެ މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.