ރަޝިޔާއާއި އެމެރިކާއާ ދެމެދު ހަދާފައިވާ ނިއުކްލިޔަރ ހަތިޔާރާ ގުޅޭ މުހިންމު މުއާހަދާއަކަށް އަމަލުކުރުން ރަޝިޔާއިން ހުއްޓައިލާފައިވާ ކަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އިޢުލާނު ކުރައްވައިފިއެވެ. މިއީ، ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އިންޒާރެއްގެ ގޮތުގައި ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައަށް މި ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު އެއް އަހަރު ފުރޭނެއެވެ. އެއް އަހަރު ފުރުމާ ދިމާކޮށް ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަޤުރީރެއްގައި ޕުޓިން ވަނީ، ނިއުކްލިޔަރ ހަތިޔާރު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެ ޤައުމުން ހަދާފައިވާ މުހިންމު މުއާހަދާއަކަށް އަމަލުކުރުން ރަޝިޔާއިން މެދުކަނޑައިލާފައިވާ ކަމުގައެވެ.
އަދި، ރަޝިޔާގެ އަސްކަރިއްޔާގެ އައު ސިސްޓަމްތަކެއް ޔޫކްރެއިނު ހަނގުރާމައިގައި ބޭނުން ކުރުމަށް ރުކުރުވައިލާފައިވާ ކަމަށް ވިދާޅުވެ، ޕުޓިން ވަނީ އެ ޤައުމުން ނިއުކްލިޔަރ ޓެސްޓުތައް ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ރަޝިޔާއާއި އެމެރިކާއާ ދެމެދު ހަދާފައިވާ "ނިއު ސްޓާޓް ޓްރީޓީ"އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާއާއި ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭފް 2010 ވަނަ އަހަރު ސޮއިކުރައްވާފައިވާ އެއްބަސްވުމެކެވެ.
"ހުޅަނގުގެ ޤައުމުތަކުގެ ނިޔަތް ވަރަށް ނުބައި. އަދި، އެ ކަން ސިއްރުކުރަން ވެސް އެ މީހުން މަސައްކަތެއް ނުކުރޭ. ނަމަވެސް، އެ މީހުން ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ، ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ބަލިކުރުމަކީ އެ މީހުންނަށް ކުޅަދާނަވެގެންވާ ކަމެއް ނޫން ކަން،" ޕުޓިން ވިދާޅުވިއެވެ. ހުޅަނގުގެ ބާރުތަކުން ރަޝިޔާ ނައްތައިލަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޕުޓިން ތުހުމަތު ކުރެއްވިއެވެ.
ޔޫކްރެއިން ހަނގުރާމައަކީ ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ހަދަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައި ޕުޓިން ވިދާޅުވިއެވެ. "ނިއު ސްޓާޓް ޓްރީޓީ"އަކީ، އެއް ފަހަރާ ޑިޕްލޯއި ކުރެވޭނެ ނިއުކްލިޔަރ ހަތިޔާރުގެ ޢަދަދު ކޮންޓްރޯލް ކުރުމަށް އެމެރިކާއާއި ރަޝިޔާއާ ދެމެދު ހަދާފައިވާ މުއާހަދާއެކެވެ. އެ މުއާހަދާގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުއެވެ.
އެ މުއާހަދާއަށް އަމަލުކުރުން މެދުކަނޑައިލާފައިވާ ކަމުގައި ޕުޓިން ވިދާޅުވުމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޕުޓިންގެ އެ ނިންމުމާ އެކު ދުނިޔެއަށް އިތުރު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވެސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން ނިއުކްލިޔަރ ޓެސްޓުތައް ހަދަން ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ޕުޓިން ވަނީ ތުހުމަތު ކުރައްވާފައެވެ. "އެމެރިކާއިން ނިއުކްލިޔަރ ޓެސްޓެއް ހަދައިފިއްޔާ، ރަޝިޔާއިން ވެސް ބަލާކޮށް ނޯންނާނެ. އަހަރުމެން ވެސް ނިއުކްލިޔަރ ޓެސްޓުތައް ހަދަން ފަށާނަން،" ޕުޓިން ވިދާޅުވިއެވެ.
ދުނިޔޭގައިވާ ނިއުކްލިޔަރ ހަތިޔާރުގެ 90 އިންސައްތަ ކޮންޓްރޯލް ކުރަނީ އެމެރިކާއާއި ރަޝިޔާއިންނެވެ. އަދި، "ނިއު ސްޓާޓް ޓްރީޓީ"ގެ ދަށުން، އެއް ފަހަރާ އެއް ވަގުތެއްގައި ޑިޕްލޯއިކޮށްފައިވާ ނުވަތަ ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ނިއުކްލިޔަރ ހަތިޔާރުގެ ޢަދަދު ދެ ޤައުމުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. މި މުއާހަދާގެ ދަށުން އެއް ފަހަރާ ޑިޕްލޯއިކޮށްފައި ބެހެއްޓޭނީ އެންމެ ގިނަވެގެން 1,550 ނިއުކްލިޔަ ވޯހެޑްއެވެ.
ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކުރަން ޖެހިދާނެ ކަމުގެ އިންޒާރުގެ ގޮތުގައި ބެލެވޭ އިޝާރާތްތަކެއް މީގެ ކުރިން ވެސް ރަޝިޔާއިން ވަނީ ކޮށްފައެވެ. އަދި، ހުޅަނގުން މި ހަނގުރާމައާ ފެއަށް ނުޖެހޭހާ ހިނދަކު، އެ އިންޒާރު ދެމިއޮންނާނެ ކަމުގައި ޕުޓިން ވިދާޅުވިއެވެ. ޕުޓިން ބޭނުންފުޅު ވަނީ، ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމެވެ.
ނަމަވެސް، އެމެރިކާއާއި ނޭޓޯގެ އެހެން ބާރުތަކުން މިހާރު ވެސް ދަނީ ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. ދާދިފަހުން އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ވަނީ ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޓޭންކު ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އަދި، އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ޔޫކްރެއިނަށް ފޮނުވުމާ މެދު އެ ޤައުމުތަކުން މިހާރު ދަނީ ވިސްނަމުންނެވެ.