މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، މުވައްޒަފުންނަށް އެ ގޮންޖެހުންތައް ނައްތާލަދީ މަސައްކަތުގެ މަޙައުލަކީ ސްޓްރެސް ފްރީ ތަނަކަށް ހެދުމަކީ މުހިއްމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
3 ވަނަ އެޗްއާރް ކޮންވެންޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަސައްކަތުގެ މަޙަލަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ ތަނަކަށް ހެދުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މިގޮތުން އެކަމަނާ ވިދާޅުވީ، މުވައްޒަފުންގެ ޝަކުވާތައް އަޑުއަހަންޖެހޭކަމަށާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ ތަނަކަށް ވާންޖެހޭކަމަށެވެ.
މަސައްކަތުގެ މާޙައުލުގައި އަދިވެސް އެކި ފަރާތްތަކަށް ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ، އެ ގޮންޖެހުންތައް ނައްތާލާ މަސައްކަތުގެ މާހައުލުގައި ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ފަޒްނާ ވިދާޅުވީ، ވިހެއުމުން ލިބޭ ޗުއްޓީއާއި ފެމެލީ ރެސްޕޯސިބަލް ލީވް ފަދަ ލީވްތައް ނެގުމަކީ އަންހެނުންނަށް ވަޒީފާ ހޯދުމާއި، ވަޒީފާގެ ކުރިއެރުން ލިބުމަށް އޮތް ހުރަހަކަށް ވެގެންނުވާނެކަމަށެވެ. އަދި ރަނގަޅު ލީޑަރެއްނަމަ އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތުގެ މާހައުލަކީ ގޭގެ މާހައުލު ފަދަ ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށްކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ އެކަމަނާ މުދައްރިސެއްގެގޮތުގައި މަސައްކަތްޕުޅުކުރެއްވި ދުވަސްވަރު ފާހަގަކުރެވުނު ބައެއް ކަންކަމުގެ މައްޗަށް ބިނާކޮށް އެކަމާނާގެ އަމިއްލަފުޅު ތަޖުރިބާތައް ބައިވެރިންނާއި ހިއްސާކުރައްވާފައެވެ.