ޖަރުމަން ލީގުގައި އޯގްސްބާގާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.
ބަޔޭންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބު ކުރީ ފަހަތުން އަރައި 5-3 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއެވެ. އެކަމަކު މެޗުގެ ދެވަނަ މިނެޓުގައި މާޖިމް ބެރީޝާއެ ވަނީ އޯގްސްބާގަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މިލަނޑު ޖެހިތާ 13 މިނެޓްފަހުން ބަޔޭންއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާއޮ ކަންސޭލޯއެވެ. މިއީ ކަންސޭލޯ ބަޔޭންއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
އަދި މެޗްގެ 19 ވަނަ މިނެޓްގައި ބެންޖަމިން ޕަވާރޑް ޖަހާދިން ލަނޑާއެކު ބަޔޭންއިން މިމެޗްގެ ލީޑު ނެގިއެވެ. އަދި މެޗްގެ 35 ވަނަ މިނެޓްގައި ޕަވާރޑް ކާމިޔާބުކުރި ދެވަނަ ލަނޑާއެކު މިމެޗްގައި ބަޔާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. ބަޔޭންއިން މިމެޗްގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗްގެ 45 ވަނަ މިނެޓްގައި ޖަހާދިނީ ލިރޯއި ސާނޭއެވެ.
މިމެޗްގައި އައުގްސްބަރގްއިން ޖެހި ދެވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ބެރީޝާއެވެ. އަދި ބަޔާންއިން މިމެޗްގައި ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ އަލްފަންސޯ ޑޭވިސްއެވެ. އޭގެ ފަހުން މިމެޗްގައި އައުގްސްބަރގްއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ އަރވިން ކާޑޯނާއެވެ.
މިކާމިޔާބީއާއެކު ބަޔޭނަށް މިހާރުވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވާލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ ބަޔޭން އާއި އެންމެ ގާތުން ވާދަކުރަމުންދާ ބޮރޫޝިއާ ޑޯޓްމުންޑް ރޭ ކުޅުނު މެޗް އެއްވަރުވުމެވެ. ޑޯޓްމުންޑަށް މިހާރު ލިބިފައިވަނީ 50 ޕޮއިންޓެވެ. އަދި އައުގްސްބަރގް އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.