މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، ރުޅިވެރިކަމާއި ނަފްރަތު ނައްތާލުމަށް މަސައްކަތްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީގެ ޤައުމުތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާއްލަވައިފިއެވެ.
ފޮރިން މިނިސްޓަރ ޝާހިދު މިކަމަށް ގޮވާލައްވާފައިވަނީ މޮރިޓޭނިއާގެ ނޫއާކްޗޮޓްގައި ކުރިއަށްދާ އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 49 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، ދާދިފަހުން ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ނިޔާވި އަޚުންނާއި އުޚުތުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ކާރިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިކަން އަވަސްކުރުމަށް ގޮވާލެއްވިއެވެ.
މުސްލިމުންނާމެދު ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކާއި ޢަމަލުތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ، މިފަދަ ޢަމަލުތަކުގެ ސަބަބުން ނަފްރަތާއި ހަރުކަށި ފިކުރާއި ދެކޮޅަށް އިސްލާމީ އުންމަތް އިތުރަށް ވާނީ ވަރުގަދަ ކަމަށެވެ. ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަކީ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ނުރައްކަލެއްގެ ގޮތުގައި އޯއައިސީން ބަލައިގަތުމަށްވެސް މިނިސްޓަރ ގޮވާލެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ލިބިދޭ ޙައްޤު ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ރޮހިންޔާ މުސްލިމުން ބިރުވެރިކަމުން އެއްކިބާވެފައިވާ ކަރާމާތްތެރި ދިރިއުޅުމެއް އުޅެން ކުރާ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުން ދިނުމަށްވެސް މުސްލިމު ޤައުމުތަކަށް ވަނީ ގޮވާލައްވާފައެވެ.