ޚަބަރު

ސްރީލަންކާގެ ބެއިލްއައުޓް ޕްރޮގްރާމް އައިއެމްއެފްއިން ފާސްކޮށްފި


މިނިވަންކަން ލިބުނު ފަހުން ސްރީލަންކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ދިނުމަށް އައިއެމްއެފްއިން ފާސްކޮށްފިއެވެ.

ބޭރުގެ އެކި އިދާރާތަކާއި ޤައުމުތަކަށް ވަރަށް ބޮޑަށް ދަރާފައިވާ ލަންކާއަށް މި ލޯނު އެހީ ދިނުމަށް ފާސްކޮށްފައި ވަނީ މިކަމާމެދު މަޝްވަރާ ކުރާތާ އަހަރެއްވީ ފަހުންނެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ހަކަތައިގެ އަގު އުފުލުމާއި، ޕޮޕިއުލިސްޓް ޓެކްސް ކުޑަކުރުމުގެ ސަބަބުން ލަންކާގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ބޭހާއި ތެލާއި އަދި އެނޫންވެސް ޒަރޫރީ ބޭނުމަށް ބޭނުންކުރާ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން ދިރިއުޅުމުގެ އަގުތައް އުފުލި، ލަންކާގެ އިންފްލޭޝަން ވަނީ %50 އަށް ވުރެ މަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ލަންކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ ލޯނުދުކުރާ ފަރާތްތަކަށް އަދާކުރަންޖެހޭ ލޯނުތައް ވަނީ އަދާނުކުރެވިފައެވެ.

މިއަހަރުގެ ކުރީކޮޅު ލަންކާގެ ޕްރޮފެޝަނަލް ފަރާތްތަކުގެ އާމްދަނީން އިންކަމް ޓެކްސް ނަގަން ފަށާފައިވާއިރު، އެއީ %12.5 އިން ފެށިގެން %36 އަށްވުރެ މަތީ އަދަދަކަށް ނަގާ ޓެކްސްއެކެވެ. އަދި ތެލާއި ކާބޯތަކެތި ހިމެނޭ ގޮތަށް މުހިންމު ތަކެތި ގަތުމަށް ފައިސާ ހޯދުމަށް އިތުރު އެހެން ޓެކްސްތައް ވެސް ބޮޑުކުރިއެވެ.

މި ޓެކްސް ބޮޑުކުރުމަކީ 2019 ވަނަ އަހަރު ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ތައާރަފްކުރި ޓެކްސް ތަފާތު ކަމެކެވެ. އޭރު ކުޑަކުރި ޓެކްސްތަކުގެ ސަބަބުން އަހަރަކު 1.4 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ ސަރުކާރުގެ އާމްދަނީން ގެއްލިފައެވެ.

ލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީ ބީބީސީއަށް ވިދާޅުވި ގޮތުގައި ސަރުކާރުން ފައިސާ ހޯދާނީ ދައުލަތުގެ ވިޔަފާރިތައް އަލުން އެކުލަވާލައި، ގައުމީ އެއާލައިން ޕްރައިވެޓައިޒްކޮށްގެނެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ލަފާކުރަ ގޮތުގައި ލަންކާއަށް އަދިވެސް އޮތީ އުނދަގޫ ދުވަސްތަކެކެވެ.

އެސް އެންޑް ޕީ ގްލޯބަލް ރޭޓިންސް އެޖެންސީގެ އެނަލިސްޓް އެންޑްރޫ ވުޑް ވިދާޅުވި ގޮތުގައި އިގްތިސާދީ ހަމަޖެހުމެއް ލިބެން އަދިވެސް ގިނަ ދުވަސްތަކެއް ލަންކާއަށް އެބައޮތް ކަމަށެވެ.

އައިއެމްއެފްއިން މި މަހުގެ ކުރީކޮޅު ބުނެފައިވާ ގޮތުގައި ޗައިނާ އާއި އިންޑިއާ ހިމެނޭ ގޮތަށް ބޮޑެތި ހުރިހާ ކްރެޑިޓަރުންގެ އަތުން މާލީ ޔަގީންކަން ލަންކާއަށް ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބެއިލްއައުޓަށް މަގުފަހިވެފައިވާކަމަށެވެ.


ލަންކާ ސަރުކާރުން ފުރަތަމަ އުއްމީދުކުރީ 2022 ވަނަ އަހަރު ނިމޭއިރު ޗައިނާއާއި އިންޑިއާއާއެކު ދަރަނި އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށެވެ.

ޗައިނާއިން ލަންކާއަށް ދޫކުރި ލޯނުގެ އަދަދު ގާތްގަނޑަކަށް 7 ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު އިންޑިއާއަށް ލަންކާ ދައްކަން ޖެހެނީ ގާތްގަނޑަކަށް 1 ބިލިއަން އެމެރިކާ ޑޮލަރެވެ.