50 އޯވަރު ކްރިކެޓް ނުވަތަ އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓް ރޭންކިންގެ އެއްވަނައަށް އޮސްޓްރޭލިއާ އަރައިފިއެވެ.
50 އޯވަރުގެ ރޭންކިންގގެ އެއްވަނައަށް އޮސްޓްރޭލިއާ އެރީ އެޓީމް އިންޑިއާއަށް މިހާރު ކުރަމުންދާ ޒިޔާރަތުގައި ކުޅުނު ތިން މެޗްގެ ތެރެއިން ދެމެޗް ކާމިޔާބުކުރުމުންނެވެ.
އޮސްޓްރޭލިއާ އާއި އިންޑިއާގެ މެދުގައި ކުޅުނު އެއްދުވަހުގެ ތިންމެޗްގެ ސީރީޒް ދެ މެޗް އެއްމެޗުން ކާމިޔާބުކުރީ އޮސްޓްރޭލިއާއެވެ. މިދެޓީމްގެ މެދުގައި ކުޅުނު ތިންވަނަ މެޗް އޮސްޓްރޭލިއާ ކާމިޔާބުކުރީ 21 ލަނޑުންނެވެ. އިންޑިއާގެ ޗެންނާއީގެ އެމްއޭ ޗިޑަމްބަރަމް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ޓޮސް ދިމާވެގެން އޮސްޓްރޭލިއާއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ ކުޅެން އަރާ 49 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 269 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 47 ލަނޑު ހަދާދިން މިޝޭލް މާޝްއެވެ. އަދި އެލެކްސް ކެރީވަނީ 38 ލަނޑު ހަދާފައެވެ. މިއީނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ އަށް އޯވަރު 44 ލަނޑަށް ތިން ވިކެޓް ނަގާދިން ހަރްދިކް ޕާންޑިޔާއެވެ. އަދި ކުލްދީޕް ޔާދަވްވަނީ 10 އޯވަރު 56 ލަނޑަށް 3 ވިކެތް ނަގާދީފައެވެ.
އިންޑިއާއިން ޖަވާބުގައި ކުޅެން އަރާ 49 އޯވަރު އެއްބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 248 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 54 ލަނޑު ހަދާދިން ވިރާތު ކޯލީއެވެ. ހަރްދިކް ޕާންޑިޔާވަނީ 40 ލަނޑު ހަދާފައެވެ. މިއީނިންގްސްގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 45 ލަނޑަށް ހަތަރު ވިކެޓް ނަގާދިން އެޑަމް ޒަމްޕާއެވެ.
މިކާމިޔާބީއާއެކު އޮސްޓްރޭލިއާމިވަނީ އިންޑިއާ ފަހަތަށް ޖައްސާލާ 50 އޯވަރުގެ ރޭންކިންގެ އެއްވަނަ މަގާމް ކަށަވަރު ކޮށްފައެވެ. މިއީ 2019 ވަނަ އަހަރަށް ފަހު އެއްދުވަހުގެ ބައިނަލްއަޤްވާމީ ސީރީޒްއެއްގައި އަމިއްލަ ޤައުމުގައި ކުޅެ އިންޑިއާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިސިރީޒްއިން އިންޑިއާ ދެމެޗް އެއްމެޗުން ބަލިމިވީ މިދެޤައުމުގެ މެދުގައި ކުޅުނު ޓެސްޓް ސިރީޒްވެސް ދެމެޗް އެއްމެޗުން އޮސްޓްރޭލިއާ ކާމިޔާބުކޮށްފައިވަނިކޮށެވެ. މިއީ އިންޑިއާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއްދުވަހުގެ ބައިނަލްއަޤްވާމީ ކްރިކެޓް ވާރލްޑް ކަޕަށް ތައްޔާރު ވުމަށް މިދެޓީމަށްވެސް ލިބިގެންދިޔަ ރަނގަޅު ފުރުސަތެކެވެ.