ޔޫރޯ 2024 ކޮލިފައިން ގްރޫޕް ސީގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ރަނަރަޕް އިންގްލަންޑުން ކާމިޔާބުކޮށްފިއެވެ.
އިޓަލީގައި ކުޅުނު މިމެޗް އިންގްލަންޑުން ކާމިޔާބުކޮށްފައިވަނީ ދެ ލަނޑު އެއްލަނޑުންނެވެ.
ދެޓީމުންވެސް އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިންނާއި ނުލާ ނިކުން މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗް އިޓަލީން ވަރަށް ފޯރިއާއެކު ފެށި ނަމަވެސް މާގިނަ އިރު ތަކެއް ނުވެ އިންގްލަންޑުންވަނީ މެޗްގެ ތެރެއަށް ވަދެ 13 ވަނަ މިނެޓްގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޑެކްލަން ރައިސްއެވެ.
މިއާއެކު ފުރަތަމަ އެއްކޮށް ކަހަލަ ގޮތަކަށް ފެނިގެންދިޔައީ އިންގްލަންޑުން ކުޅެމުންދިޔަ ތަނެވެ. ނަތީޖާ އަަކަށް ވެގެންދިޔައީ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން އިންގްލަންޑުން ލީޑު ފުޅާކުރުމެވެ. މިޕެނަލްޓީ ދީފައިވަނީ ވީއޭއާރުގެ ލަފާގެ މަތިން ރެފުރީ ޕިޗް ސައިޑް މޮނީޓަރ ބެލުމަށްފަހުއެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އިންގްލަންޑްގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ އޭނާ އިންގްލަންޑް ޓީމަށް ކާމިޔާބުކޮށްދިން 54 ވަނަ ލަނޑެވެ. އަދި މިލަނޑައެކު އޭނާވަނީ އިންގްލަންޑަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.
މިމެޗްގެ ދެވަނަ ހާފްގައި އިޓަލީން ވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް އިންގްލަންޑް ގޯލަށް ވަރަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 56 ވަނަ މިނެޓްގައި މަޓިއޯ ރެޓެގުއި ލަނޑެއް ޖަހާ އިޓަލީއަށް ފަރަގު ކުޑަކޮށްދިނުމެވެ. މިމެޗްގެ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ފެށިގެން އިންގްލަންޑުން މެޗް ލަސް ކުރުމުގެ ގިނަ ކަންތައްތަކަކާއި ކުރިމަތިލާން ޖެހިގެންދިޔައެވެ. އެއާއެކު ބައެއް ކުޅުންތެރިންނަށް ރީނދޫ ކާޑު ދެއްކިގެންދިޔައިރު، މެޗް ލަސް ކުރަން އުޅުނު ކަމަށް ނިންމާ ރީނދޫ ކާޑު ދެއްކި ކުޅުންތެރިއެއް ކަމަށްވާ ލޫކް ޝޯ ކުރި އިތުރު ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ މެޗްގެ 80 ވަނަ މިނެޓްގައި ރަތްކާޑެއް ދައްކާފައެވެ. އެހެން ކަމުން މެޗްގެ ބާކީ އިންގްލަންޑުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މިކާމިޔާބީއާއެކު އިންގްލަންޑް މިވަނީ 1961 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓަލީގައި ކުޅެ މޮޅުވެފައެވެ. އަދި މިއާއެކު އިންގްލަންޑުން މިވަނީ ޔޫރޯ ކޮލިފައިންގެ ފެށުންވެސް ރަނގަޅުކޮށްފައެވެ. މިގްރޫޕްގައި އިންގްލަންޑް ކުޅޭ ދެވަނަ މެޗްގައި އަންނަ އާދިއްތަ ދުވަހު ނިކުންނާނީ ޔޫކްރެއިންއާ ދެކޮޅަށެވެ. އަދި އެރޭ އިޓަލީ ނިކުންނާނީ ނޯތު މެސެޑޯނިއާ އާއި ދެކޮޅަށެވެ.