ޔޫރޯ 2024 ކޮލިފައިން ގްރޫޕް ޖޭގައި އައިސްލަންޑާ ދެކޮޅަށް ކުޅުނު މެޗު ބޮސްނިއާ އެންޑް ހާޒެގޮވީނާއިން ކާމިޔާބުކޮށްފިއެވެ.
ބޮސްނިއާގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ތިން ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު އައިސްލަންޑުން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބޮސްނިއާއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށް ބޮސްނިއާއަށް ލީޑު ނަގާދިނީ ރާޑޭ ކްރުނިޗްއެވެ. އަދި މެޗްގެ 40 ވަނަ މިނެޓްގައި ބޮސްނިއާގެ ދެވަނަ ލަނޑު ޖަހާދިނީވެސް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކްރުނިޗްއެވެ. މިމެޗްގައި ބޮސްނިއާގެ ފަހު ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ އަމާރ ޑެޑިޗްއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މިކާމިޔާބއާއެކު ބޮސްނިއާ މިވަނީ ޔޫރޯ ކޮލިފައިން މޮޅަކާއެކު ފަށާފައެވެ. އަދި ޕޯޗުގަލްއާ އެއްގްރޫޕެއްގައި ހިމެނޭ ބޮސްނިއާ މިވަގުތު އުޅެނީ ލަނޑުގެ ތަފާތުން ދެވަނައިގައެވެ. މިގްރޫޕްގައި ސްލޮވާކިއާ އާއި ލަގްޒެމްބޯގް ބައްދަލުކުރި މެޗް ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.