ޔޫރޯ 2024 ކޮލިފައިން ގްރޫޕް އެޗްގައި ފިންލަންޑާ ދެކޮޅަށް ކުޅުނު މެޗު ޑެންމާކުން ކާމިޔާބުކޮށްފިއެވެ.
ޑެންމާކްގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ ތިން ލަނޑު އެއްލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޑެންމާކުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ޑެންމާކުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރަސްމުސް ހޮއިލުންޑްއެވެ. މިމެޗްގައި ފިންލަންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާ މެޗްގެ ނަތީޖާ އެޓީމަށް ހަމަހަމަ ކޮށްދިނީ އަލިވަރ އޭންޓްމަންއެވެ. މިމެޗްގައި ޑެންމާކުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 82 ވަނަ މިނެޓްގައި ފުރަތަމަ ލަނޑުވެސް ޖަހާދިން ހޮއިލުންޑް އިން ކާމިޔާބުކުރި ލަނޑަކާއެކުއެވެ. އަދި މެޗްގެ އިތުރު ވަގުތުގައި ހޮއިލުންޑްވަނީ އޭނާ މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑާއެކު ހެޓްރިކް ހަދާފައެވެ.
މިކާމިޔާބީއާއެކު ހަ ޓީމް ހިމެނޭ ގްރޫޕް އެޗްގައި މިހާރު ކޮންމެ ޓީމެއް އެއްމެޗް ކުޅެފައިވާއިރު ތިން ޕޮއިންޓާއެކު ފައިދާ ދެ ގޯލާއެކު އެއްވަނައިގާ އުޅެނީ ޑެންމާކް އާއި ނޯދަން އަޔަލަންޑްއެވެ. އަދި މިގްރޫޕްގައި ސްލޮވާކިއާ އާއި ސެން މަރީނޯ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ސްލޮވާކިއާ އުޅެނީ ގްރޫޕްގެ ތިންވަނައިގައެވެ.