ކުޅިވަރު

ސެން މަރީނޯ އަތުން ނޯދަން އަޔަލަންޑަށް މޮޅެއް


ޔޫރޯ 2024 ކޮލިފައިން ގްރޫޕް އެޗްގައި ސެން މަރީނޯއާ ދެކޮޅަށް ކުޅުނު މެޗު ނޯދަން އަޔަލަންޑުން ކާމިޔާބުކޮށްފިއެވެ.

ސެން މަރީނޯގައި ކުޅުނު މިމެޗް އަޔަލަންޑުން ކާމިޔާބުކުރީ ދެ ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އަޔަލަންޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާ ނޯދަން އަޔަލަންޑަށް މިމެޗްގެ ލީޑު ނަގާދިނީ ޑިއޮން ޗާލްސްއެވެ. މިއީ އޭނާ އަޔަލަންޑް ޓީމަށް ޖަހާދިން ފުރަތަމަ ލަނޑެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާ އަޔަލަންޑްގެ ލީޑު ފުޅާކޮށްދިނީވެސް ފުރަތަމަ ލަނޑު ޖަހާދިން ޗާލްސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު އަޔަލަންޑަށް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ.

މިކާމިޔާބީއާއެކު ނޯދަން އަޔަލަންޑުން މިވަނީ އެޓީމްގެ ޔޫރޯ ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފައެވެ. ނޯދަން އަޔަލަންޑުން ކޮލިފައިންގައި ކުޅޭ ދެވަނަ މެޗްގައި އަންނަ އާދިއްތަ ދުވަހުގެރޭ ނިކުންނާނީ ފިންލަންޑާ ދެކޮޅަށެވެ. މީގެ އިތުރުން މިގްރޫޕްގައި ސްލޮވީނިއާ އާއި ކަޒަކިސްތާން ބައްދަލުކުރި މެޗް ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ސްލޮވީނިއާއެވެ.