ކުޅިވަރު

އޯޕަން ޓޭޕްބޯލް: އެވިއާ އާއި އެމްއޭސީއެލްއަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ރަމަޟާން މަހާ ދިމާކޮށް ބާއްވަމުންދާ ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގެ ފެށުން އެވިއާ މޯލްޑިވްސް އާއި އެމްއޭސީއެލްއިން ރަނގަޅުކޮށްފިއެވެ.

މި އަހަރުގެ ކްރިކެޓް ކާނިވަލް ހުކުރު ދުވަހު ފެށީ ގްރޫޕް އޭގެ ދެ މެޗުންނެވެ. އެގޮތުން ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓެޕްބޯލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެވިއާ މޮޅުވީ ދިވެހި ސިފައިންގެ ކުލަބާ ބައްދަލުކޮށް ހަތް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އެވިއާ ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު ސިފައިންގެ ކުލަބު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 31 ލަނޑު ހެދި އިސްމާޢީލް ނާޝިދާއި ނުބައިނުވެ 21 ބޯޅައިން 29 ލަނޑު ހެދި މުޙައްމަދު ޝަރީފެވެ.

ޖަވާބުގައި އެވިއާ ކުޅެން އަރައި ހަތް އޯވަރު ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 104 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 16 ބޯޅައިން 33 ލަނޑު ހެދި އަލީ ޝުނާން އާއި 13 ބޯޅައިން 32 ލަނޑު ހެދި ޖިލްވާޒް ރަށީދެވެ.

މި މުބާރާތުގައި ހުކުރު ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗުން އެމްއޭސީއެލް މޮޅުވީ ކޭޑީއެމްއާ ބައްދަލުކޮށް 17 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ކޭޑީއެމް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު އެމްއޭސީއެލް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން ވަނީ 145 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 33 ލަނޑު ހެދި އަމީލް އަޙްމަދު މައުރޫފެވެ.

ޖަވާބުގައި ކޭޑީއެމް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 13 ބޯޅައިން 36 ލަނޑު ހެދި ހާޒިގް ހަސަން ރަޝީދާއި ނުބައިނުވެ 13 ބޯޅައިން 34 ލަނޑު ހެދި މުޙައްމަދު ރިޝްވާނެވެ.

މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ.