ޔޫރޯ 2024 ކޮލިފައިންގެ ގްރޫޕް ބީގައި ފަރަންސޭސިވިލާތާއި ނެދަލަންޑްސް ބައްދަލުކުރިމެޗް ފަރަންސޭސީން ކާމިޔާބުކޮށްފިއެވެ.
ފަރަންސޭސިވިލާތުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
މިއީ ވާރލްޑް ކަޕްގެ ފައިނަލް މެޗުން ބަލިވި ފަހުން ފަރަންސޭސި ޓީމް ވާދަވެރި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ޓީމްގެ ތަޖްރިބާކާރު މުހިންމު ކުޅުންތެރިންތަކެއް ކުޅުން ހުއްޓާލުމާއެކު މިމެޗަށް ޓީމް ނެރެފައިވަނީ ބައެއް ބަދަލުތަކާވެސް އެކުގައެވެ. މިގޮތުން އެންމެ ފާހަގަ ވެގެންދިޔަ އެއް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަމުން އަންނަނީ ހުނަރުވެރި ފޯވަޑް ކިލިއަން އެމްބާޕޭގެ ކެޕްޓަންގެ ދަށުން ފަރަންސޭސީން ކުޅުމެވެ. އަދި ހޫގޯ ލޮރިސް ރިޓަޔަރ ކުރުމާއި ގުޅިގެން މިމެޗްގައި ފަރަންސޭސި ގޯލް ބަލަހައްޓާފައިވަނީ މައިކް މައިގްނަންއެވެ.
ނެދަލަންޑްސް ޓީމަށް ބަލާލާއިރު ތަފާތު އެހެން ސަބަބަކާހުރެ މުހިންމު ކުޅުންތެރިންތަކެއް އަނބުރާ ރަށަށް ފޮނުވާލަން ޖެހުނެވެ. މިގޮތުން ފްލު ވައިރަސް ޖެހިގެން މަތިއެސް ޑި ލިޓް، ސްވެން މޮޓްމަން، ކޯޑީ ގަކްޕޯ، ޖޮއީ ވީރްމަން އަދި ކީޕަރ ބަރޓް ވަރބްރޫގެން ވަނީ އަނބުރާ ފޮނުވާލާފައެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ގެނިގެންދިޔަ މިމެޗްގައި ގިނައިރު ނެދަލަންޑްސްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސި ޓީމެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ދެވަނަ މިނެޓްގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ އެންޓޮއިން ގްރީޒްމަންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު ވަނީ މެޗްގެ އަށް ވަނަ މިނެޓްގައި ޑަޔޯ އުޕަމެކާނޯ ކާމިޔާބުކޮށްދީފައެވެ. މިމެޗްގައި ފަރަސްސޭސީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ކެޕްޓަން އެމްބާޕޭއެެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗް ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ޖަހާދިނީވެސް އެމްބާޕޭއެވެ. މިމެޗްގެ އިތުރު ވަގުތުގައި ނެދަލަންޑްސްއަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް މެމްފިސް ޑެޕާއި ޖެހި ޕެނަލްޓީ ވަނީ މައިގްނަން ދިފާއުކޮށްފައެވެ.
މިކާމިޔާބީއާއެކު ފަރަންސޭސީން ޔޫރޯ ކެމްޕޭން މޮޅަކާއެކު ފަށާފައެެވެ. މިގްރޫޕްގައި ގްރީސް އާއި ޖިބްރޯލްޓަރ ބައްދަލުކުރިމެޗް ރަށުން ބެރުގައި 3 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ގްރީސްއެވެ.