ކުޅިވަރު

އޯޕަން ޓޭޕްބޯލް: ވާރު އާއި މީޓިއާސްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ރަމަޟާން މަހާ ދިމާކޮށް ބާއްވަމުންދާ ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން ވާރު އާއި މީޓިއާސް މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން މީޓިއާސް މޮޅުވީ ޝުގަ ކޯނާ ވާދަކޮށް 23 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން މީޓިއާސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 131 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 15 ބޯޅައިން 28 ލަނޑު ހެދި ފަޒީލް ޖަލީލާއި ހަތް ބޯޅައިން 28 ލަނޑު ހެދި އިބްރާހީމް އަލީއެވެ.

ޖަވާބުގައި ޝުގަ ކޯން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުބީ ނުބައިނުވެ 11 ބޯޅައިން 18 ލަނޑު ހެދި އިބްރާހީމް އަލީއެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން ވާރު މޮޅުވީ ޕޮލިސް އަތުން 37 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ޕޮލިސް ނިންމީ ހޮވުމަށެވެ. އެއާއެކު ވާރު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ 148 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 36 ލަނޑު ހެދި މުޙައްމަދު ޖިނާހް އިބްރާހީމް އާއި ނުބައިނުވެ 14 ބޯޅައިން 35 ލަނޑު ހެދި އަލީ މުއާޒެވެ.

ޖަވާބުގައި ޕޮލިސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ބޯޅައިން 28 ލަނޑު ހެދި އަޙްމަދު ޝިރުހާން އާއި 16 ބޯޅައިން 27 ލަނޑު އެއްކުރި މުއްރަތު އަޙްމަދެވެ.

މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ.