ޔޫރޯ 2024 ކޮލިފައިން ގްރޫޕް އައިގައި ބެލަރޫސްއާ ދެކޮޅަށް ކުޅުނު މެޗު ސްވިޓްޒަލަންޑުން ކާމިޔާބުކޮށްފިއެވެ.
ބެލަރޫސްގައި ކުޅުނު މިމެޗް ސްވިޓްޒަލަންޑުން ކާމިޔާބުކޮށްފައިވަނީ ފަސޭހަ ކަމާއެކު 5 ލަނޑު ސުންލަނޑުންނެވެ.
ސްވިޓްޒަލަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުައްދާފައިވަނީވެސް ސްވިސް ޓީމުންނެވެ. މިމެޗްގައި ސްވިޓްޒަލަންޑް ޓީމްގެ ތަރިއަކަށް ވެގެންދިޔައީ ރެނާޓޯ ސްޓެފެންއެވެ. އޭނާވަނީ މެޗްގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ތިންލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ހެޓްރިކެއް ހަދާފައެވެ. މިމެޗްގައި ސްވިޓްޒަލަންޑްގެ ފުރަތަމަ ލަނޑު ސްޓެފެން ކާމިޔާބުކޮށްދިނީ މެޗްގެ 4 ވަނަ މިނެޓްގައެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާދިން އިރު އޭނާގެ ތިންވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަ ކުރީ މެޗްގެ 29 ވަނަ މިނެޓްގައެވެ. މިމެޗްގައި ސްވިޓްޒަލަންޑްގެ ހަތަރު ވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގްރަނިޓް ޜަކާއެވެ. އަދި ފަހު ލަނޑު އޭގެ ތިން މިނެޓްފަހުން ޖަހާދިނީ ޒެކީ އަމްދޫނީއެވެ.
މިކާމިޔާބީއާއެކު ސްވިޓްޒަލަންޑް އުޅެނީ ހަ ޓީމް ހިމެނޭ ގްރޫޕް އައިގެ އެއްވަނައިގައެވެ. މިގްރޫޕްގައި ރޭ ރުމޭނިއާ އާއި އެންޑޯރާ ބައްދަލުކުރިމެޗް ރުމޭނިއާ ކާމިޔާބުކޮށްފައިވާއިރު އިސްރާއީލާއި ކޮސޯވޯ ބައްދަލުކުރިމެޗް ނިމުނީ ދެޓީމް އެއްވަރު ވެގެންނެވެ.