ކުޅިވަރު

އެކުވެރިކަމުގެ މެޗުގައި ޖަރުމަނުން ޕެރޫ ބަލިކޮށްފި


ޕެރޫއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.

ޖަރުމަނުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނު ޓީމެވެ. މިމެޗްގައި ޖަރުމަނުވިލާތުން ކާމިޔާބު ކުރި ދެލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ލީޑު ނަގާދިނީ މެޗްގެ 12 ވަނަ މިނެޓްގައި ނިކްލަސް ފުލްކްރޫގް ޖަހާދިން ލަނޑުންނެވެ. އަދި މެޗްގެ 33 ވަނަ މިނެޓްގައި ޖަރުމަނުވިލތާތުގެ ލީޑު ފުޅާކޮށްދިނީވެސް ފުލްކްރުގްއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ޖަރުމަނުވިލާތަށް ލިބިގެންދިޔައެވެ. މިގޮތުން ފުލްކްރުގްއަށް ހެޓްރިކް ހަދާނެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައިރު ސަރޖީ ގިނެބްރީ ފޮނުވާލި ހަމަލާއެއްވަނީ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއެއްވަނީ ކައި ހަވާރޓްޒް އަތުން ބޭކާރުވެފައެވެ.

ޔޫރޯ 2024 މިއަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެޓީމަށް ލިބިފައިވާ އޮޓޮމެޓިކް ޖާގައިގެ ސަބަބުން މިއީ އެމުބާރާތަށް ތައްޔާރު ވުމަށް ޖަރުމަނުން ކުޅުމަށް ހަމަޖެހިފައިވާ ރަހްމަތްތެރިކަމުގެ މެޗްތަކުގެ ތެރެއިން އެއް މެޗެވެ. އަދި ކުރިއަށް ތާންގާ މިފަދަ ގިނަ މެޗްތަކެއް ކުޅުމަށް ޖަރުމަނުން ވަނީ ރާވާފައެވެ.