އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު ސުންލަނޑުންނެވެ.
ޔުނައިޓެޑްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާއުފައްދާފައިވަނީވެސް ޔުނައިޓުންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ވެސްޓް ހޭމްއިންވަނީ ޔުނައިޓެޑަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލާފައެވެ. މިމެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީ އެޓީމަށް ލީޑު ނަގާދިނީ ކެޕްޓަން ކެޓީ ޒެލެމްއެވެ. މިމެޗްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނީ ލޫސިއާ ގާސިއާއެވެ. ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޭލީ ލޭޑްއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ގާސިއާއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރުވަނީ ތާވަލްގެ އެއްވަނައަށް އަނެއްކާ އަރާފައެވެ. އެއީ ކުޅުނު 16 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކުއެވެ. ނަމަވެސް ދެވަނައިގާ އުޅޭ ޗެލްސީ ވިމެން އަދި ދެމެޗް ކުޅެއޮތުމާއެކު ޔުނައިޓެޑް ވިމެން އާއި އެންމެ ޕޮއިންޓެއް ފަހަތުގައި އޮތުމުން ތާވަލްގެ އެއްވަނައަށްއެރުމުގެ ފުރުސަތު ޗެލްސީއަށް އެބައޮތެވެ.