ޚަބަރު

ހިތާދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢާއެކު ލަފާފުރުމުގެ ލުއިފަސޭހަކަން


ބ. އަތޮޅު ހިތާދޫ ބަނދަރު މަރާމާތުކޮށް ބޮޑު ކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތައް ގޮސްފައިވާއިރު ބަނދަރުގެ ފަސޭހަކަން އެރަށުގެ ރައްޔިތުންނަށް މިވަނީ އިޙްސާސް ކުރެވެން ފަށާފައެވެ. އެރަށުގައި ސަރުކާރުން ކުރިއަށްގެންދާ ތަަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވީ، މީގެ ކުރިން ބަނދަރު ބޭނުން ކުރުމުގައި ދިމާވި އެކިއެކި މައްސަލަތަކަށް ހައްލުލިބެން ފަށާފައިވާކަމަށެވެ.

ބަނދަރުގެ އެއްގަމު ތޮށި ހަލާކުވެ އަރިއަޅާލާފައި އޮތުމުންނާއި، ބޭރު ތޮށި ނެތުމުގެ ސަބަބުން ހިތާދޫ ރައްޔިތުން ބަނދަރުގެ ބޭނުން ކުރަމުންއައީ ގިނަ ގޮންޖެހުންތަކާއެކުގައެވެ. ބަނދަރަށް އުޅަނދުތައް ކައިރިކުރުމަށް އޮންނަނީ ހަލާކުނުވެ އޮންނަ ކުޑަކުޑަ ސަރަޙައްދެކެވެ. ވާރޭވެހި ފެން ބޮޑުވާ ދުވަސްތަކުގައި ބަނދަރު ސަރަހައްދުގައި ފެން ހެދުމުގެ ސަބަބުން އެއްގަމު ތޮށި ކައިރިން ވެލި މޫދަށް ދެމުމުން އަރާފޭބުމަށް އެއްގަމު ތޮށީގައި ޖަހާފައި ހުރި ގައުތައް ހުރީ އަރިއަޅާލާފައެވެ. އަދި ބޭރު ތޮށްޓެއް ނެތުމުން ފަޅު ގަދަވުމަކީވެސް އެރަށު ރައްޔިތުން އެ ބަނދަރު ބޭނުން ކުރުމުގައި ދިމާވާ ދަތިކަމެކެވެ.

މި ސަބަބުތަކާހުރެ ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ހަވާލުކުރިއެވެ. އަދި މިހާރު ބަނދަރުގެ މަސައްކަތް ކުރިތާ ނުވަމަސް ފާއިތުވެގެން ދިޔައިރު ބަނދަރުގެ ބޮޑުބައެއް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން މިހާރު ބަނދަރުގެ ފަސޭހަކަން އިޙްސާސްވާން ފަށާފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވިއެވެ.

"މީގެ ކުރިން އޮޑިވެރިން ތިބެނީ ގަދަ ވެއްޖެޔާ ނުނިދާ ހޭލާ އޮޑިދޯނިފަހަރު ބަލަން، ސަރުކާރުން ބަނަދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވާއިރު ބަނދަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދޭ އެބަ އަދި މިހާރު ނިމިފައި ހުރި މަސައްކަތްތަކުންވެސް ފަސޭހަވާން ފަށައިފި" އަޒީޒް ވިދާޅުވިއެވެ.

ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރީ އަރިއަޅާލާފައި އޮތް ގައުތައް ހަރުލާހުންނާނެހެން ޖީއޯބޭގް ޖެއްސުމުގެ މަސައްކަތެވެ. މިހާރު އެމަސައްކަތް ވަނީ ނިންމާލާފައެވެ. އަދި އެސަރަޙައްދުގެ ޕޭވްމަންޓް އަޅާވެސް ވަނީ ނިންމާލާފައެވެ.

ހިތާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ބަނަދަރުގެ މަސައްކަތް ދާ ހަލުވިމިނާމެދު ރައްޔިތުން ހިތްހަމަޖެހޭކަމަށާ، ބަނދަރު މަރާމާތުކޮށް ނިމުމުން ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާކުރާނެކަމަށެވެ.

ހިތާދޫގައި ކުރިން އޮތް 700 ފޫޓް ދިގު 200 ފޫޓް ފުޅާ ބަނދަރަށް އިތުރު ކުރަނީ ފުޅާކޮށް 200 ފޫޓެވެ. މި ބަނދަރުގެ މަސައްކަތައް ބަލާއިރު މިހާރު ކުރަމުންދަނީ ކުދި އުޅަނދުތައް އެޅުމަށް ބޭރު ތޮށީގައި ހަދާ ޖެޓީ ހެދުމުގެ މަސައްކަތެވެ.

ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަސައްކަތުގެ ދަށުން މި މަޝްރޫޢުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، ޖުމްލަ 19،030 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ. އަދި ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތައް އެކުންފުންޏާއި ޙަވާލުކުރީ 17.7 މިލިއަން ރުފިޔާއަށެވެ.