ކުޅިވަރު

އޯޕަން ޓޭޕްބޯލް: އޭއާރްސީ އާއި ކިންޒާ ކެފޭއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ރަމަޟާން މަހާ ދިމާކޮށް ބާއްވަމުންދާ ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގައި އާދީއްތަ ދުވަހު ކުޅުނު މެޗުތަކުން އޭއާރްސީ އާއި ކިންޒާ ކެފޭ މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ގްރޫޕް ސީގެ ފުރަތަމަ މެޗުން އޭއާރްސީ މޮޅުވީ އޮއްފު އެފްސީއާ ބައްދަލުކޮށް ހަތް ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އޮއްފު އެފްސީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 26 ލަނޑު ހެދި އަފްޒަލް ފާއިޒެވެ. ޖަވާބުގައި އޭއާރްސީ ކުޅެން އަރައި ހަވަނަ އޯވަރުގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ ވަނީ 106 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 36 ލަނޑު ހެދި އިބްރާހީމް ނަޝާތެވެ.

މި މުބާރާތުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ގްރޫޕް ސީގެ ދެވަނަ މެޗުން ކިންޒާ ކެފޭ މޮޅުވީ މެރީ ކޯނާއާ ބައްދަލުކޮށް ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން މެރީ ކޯނާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި މުޙައްމަދު ހައިކަލް އާއި އަޙްމަދު އަރަފާތެވެ. ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި ހަތް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިން ނުބައިވެގެން ވަނީ 123 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 35 ލަނޑު ހެދި ސަލާމް މުޙައްމަދާއި 22 ބޯޅައިން 34 ލަނޑު އެއްކުރި ފައިޒާނެވެ.

މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ.