ކުޅިވަރު

ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗު އަންނަ ހަފުތާގައި


ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅެވޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު އަންނަ ހަފުތާގެ ހޯމަ ދުވަހަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފިއެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ރަނަރަޕް ކުލަބު އީގަލްސްއެވެ. އެފްއޭއެމުން އާޑީއްތަ ދުވަހު މީޑިއާއަށް ދިން މެސެޖެއްގައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެރޭ 22:00 ގައި އީގަލްސް އާއި މާޒިޔާ ބައްދަލުކުރާ ޝީލްޑް މެޗު އޮންނާނެކަން ހާމަކޮށްފައެވެ.

މާޒިޔާ އަކީ މިދިޔަ ސީޒަނުގައި ލީގާއި އެފްއޭ ކަޕުގެ ޗެމްޕިއަނުންނެވެ. އާންމު ގޮތެއްގައި ޝީލްޑް މެޗުގައި ކުޅެނީ ލީގު ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަނެވެ. އެހެންކަމުން އެ ދެ މުބާރާތްވެސް އެއް ޓީމަކުން ކާމިޔާބުކޮށްފިނަމަ ޝީލްޑް މެޗުގެ ފުރުސަތު ލިބެނީ ލީގުގެ ރަނަރަޕަށެވެ.

ސީޒަން ހުޅުވުމަށް ކުޅޭ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަކީ މާޒިޔާއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޝީލްޑް މެޗުގައި މާޒިޔާއިން ވަނީ ކުލަބު ވެލެންސިއާ ބަލިކޮށް، ހަތަރުވަނަ ފަހަރަށް ޝީލްޑް އުފުލާލާފައެވެ. އެކަމަކު 2020 ވަނަ އަހަރުގެ ސީޒަނުގެ ޝީލްޑް މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރިއިރު، އެ މެޗުގައި އީގަލްސްއިން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ، ފުރަތަމަ ފަހަރަށް ޝީލްޑް ކާމިޔާބުކޮށްފިއެވެ.

ޗެރިޓީ ޝީލްޑް މެޗުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތް ކުރަމުން އަންނައިރު، މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތަކީވެސް ޕްރެޒިޑެންޓް ކަމަށް މައުލޫމާތުދެއެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައު އެ މުބާރާތުގެ ކުޅުން ފެށިގެންދާނެ ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.