އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރިކޯޑު ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަޙްމަދު އާކޮށްފިއެވެ.
އުމުރުން 40 އަހަރުގެ ޝަމްހާ މި ރިކޯޑު އާކުރީ ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި ވާދަކޮށް 39 މިނެޓާ 34 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ އިތުރުން ޝަމްހާ ވަނީ އޭނާ ވާދަކުރި އުމުރުފުރާ ކެޓަގަރީން އެއްވަނަވެސް ހޯދާފައެވެ.
މީގެ ކުރިންވެސް 10 ކިލޯމީޓަރުގެ ރިކޯޑު އޮތީ ޝަމްހާގެ އަތުގައެވެ. އެގޮތުން އޭނާ 10 ކިލޯމީޓަރުގެ ގައުމީ ރިކޯޑު ހެދީ މިދިޔަ އަހަރު އޮސްލޯ މެރަތަންގައި ވާދަކޮށް 40 މިނިޓް 39 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި ޝަމްހާ ވާދަކުރިއިރު، މި ދުވުމުގައި ބައިވެރުވުމުގެ ބޭނުމަކީ ދެކުނު އޭޝިއާ ފެންވަރުގައި ވާދަކުރެވޭނެ ޓައިމިން އެއްގައި ރޭސް ނިންމުން ކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފައެވެ.
މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ހާފް މެރަތަންގައި ދުވުމަށް ޝަމްހާ ނިންމާފައިވާއިރު، އޭނާ ފަރިތަކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަޙްމަދު (ނަސްރު) އާއެކުގައެވެ ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކޯޗު ނަސްރު ވަނީ އައިއޯއައިޖީއަށް ދާއިރު، މެޑެލް ހޯދުން އެއީ ޝަމްހާގެ އެންމެ ބޮޑު އަމާޒު ކަމަށް ބުނެފައެވެ.
އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރިކޯޑު ޝަމްހާ އާކުރިއިރު، އޭނާ ވަނީ ޖަރުމަނުގައި ބޭއްވި ރޯޑް ރަންގައި ވާދަކޮށް 5 ކިލޯމީޓަރު ދުވުން 20 މިނެޓަށްވުރެެ އަވަހަށް ނިންމި ފުރަތަމަ އަންހެން ދުވުންތެރިޔާގެ ޝަރަފުވެސް ހޯދައިފައެވެ.
އަދި ދިގު ދުވުން ދުވާ އަންހެން އެތުލީޓުންގެ ތެރެއިން އެންމެ ގިނަ ރިކޯޑު ހޯލްޑުކުރާ ޝަމްހާ ވަނީ މީގެ ކުރިން ހާފް މެރަތަންގެ ގައުމީ ރިކޯޑުވެސް މުގުރާާލާފައެވެ.