އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް ދެވަނަ މުބާރާތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރިހި މެޑެއްޔަކާއި ލޯ މެޑެއްޔެއް ހޯދައިފިއެވެ.
މި މުބާރާތުގެ ފުރަތަމަ މުބާރާތުގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ސާއިދު ވަނީ ރަން މެޑަލް ހޯދައިފައެވެ. އެކަމަކު ހޯމަ ދުވަހު ކުރިއަށްދިޔަ ގްރޯން ޕްރީ ދެވަނަ މުބާރާތުގެ 100 މީޓަރު ދުވުމުން ސާއިދަށް ލިބުނީ ލޯ މެޑައްޔެވެ. އަދި 200 މީޓަރު ދުވުމުން ލިބުނީ ރިހި މެޑަލްއެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ ދެ އިވެންޓުގެ ވެސް ވަނަ ކަނޑައެޅީ ދެ ހީޓުގެ ޖުމްލަ ޓައިމިންއަށް ބަލައިގެންނެވެ. ސާއިދު 100 މީޓަރު ދުވުމުން ލޯ މެޑަލް ލިބުނަސް އޭނާ ވަނީ ވާދަކުރި ހީޓުގެ އެއްވަނަ ހޯދައިފައެވެ. އެއީ 10.76 ސިކުންތުން ނިންމައިގެންނެވެ. ސާއިދުއާއެކު މި ހީޓުގައި ރާއްޖޭގެ އަޙްމަދު ނަޖުދާންވެސް ދުވުނެވެ. އޭނާ ރޭސް ނިންމީ 11.59 ސިކުންތުންނެވެ.
ސާއިދު 200 މީޓަރު ދުވުމުން ދެވަނަ ހޯދިއިރު، ވާދަކުރި ހީޓުގެވެސް ލިބުނީ ދެވަނައެވެ. 200 މީޓަރު ދުވުން ސާއިދު ނިންމީ 21.61 ސިކުންތުންނެވެ.
އިންޑިއަން ގްރޯން ޕްރީގައި ސާއިދުގެ އިތުރުން އިންޑިއާގައި ފަރިތަކުރަމުން އަންނަ ރާއްޖޭގެ ގިނަ އެތުލީޓުން ބައިވެރިވެއެވެ. އިންޑިއަން ހައި ކޮމިޝަނުގެ އެހީތެރިކަމާއެކު އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) އަށް ގިނަ އެތުލީޓުންތަކެއް އަންނަނީ އިންޑިއާގައި ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.