ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ރަމަޟާން މަހާ ދިމާކޮށް ބާއްވަމުންދާ ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގައި ހޯމަ ދުވަހު ކުޅުނު މެޗުތަކުން އެވިއާ މޯލްޑިވްސް އާއި އެމްއޭސީއެލް މޮޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން އެވިއާ މޮޅުވީ ކޭޑީއެމްއާ ބައްދަލުކޮށް ފަސް ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ކޭޑީއެމް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 105 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 14 ބޯޅައިން 33 ލަނޑު ހެދި ހަސަން ހާޒިގް ރަޝީދާއި ނުބައިނުވެ 14 ބޯޅައިން 26 ލަނޑު އެއްކުރި އަޙްމަދު މުނާޒެވެ.
ޖަވާބުގައި އެވިއާ ކުޅެން އަރައި ހަތްވަނަ އޯވަރުގައި ދެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 109 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި ޖިލްވާޒް ރަޝީދެވެ.
މި މުބާރާތުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން އެމްއޭސީއެލް މޮޅުވީ ދިވެހި ސިފައިންގެ ކުލަބާ ބައްދަލުކޮށް ހަތް ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ސިފައިންގެ ކުލަބު ކުޅެން އަރައި ހުިރހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 29 ލަނޑު ހެދި މުޙައްމަދު ޝަރީފެވެ. ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި ފަސްވަނަ އޯވަރުގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ ވަނީ 84 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެދި އާދަމް ނާސިފް އުމަރެވެ.
މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ..