ކުޅިވަރު

ފޯރިގަދަ ވެޓެރަންސް މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ


މި އަހަރުގެ ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023 ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މިއަހަރު މުބާރާތްވެސް ބާއްވަނީ ކުލަބް އިވެންޓްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެންނެވެ. މުބާރަތް އިންތިޒާމް ކުރާ ކުލަބް އިވެންޓުގެ ރައީސް ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް ބުނީ މިއީ މުބާރާތުގެ ތާރިހުގައި ބޭއްވިގެންދާ އެންމެ ތަރުހީބު ބޮޑު މުބާރާތްކަމަށެވެ.

މިފަހަރު މުބާރާތުގައި 11 ޓީމެއް ތިން ގުރޫޕަކަށް ވަނީ ބަހާލާފައެވެ. މުބާރާތުގެ ކުއާޓާފައިނަލު މެޗުތަށް ފެށުމަށް ހަމަޖެހިފަވަނީ އަންނަ މަހު 14 އަދި 15 ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހު 19 ވަނަ ދުވަހުއެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ހުޅުމާލޭ ވެޓްރެންސް ކުލަބް، މޯލްޑިވިސް ސޮކާ މޭޓްސް، ނިއުރޭޑިއަންޓް، ކުލަބް އީގަލްސް، ބުރު ސްޕޯޓްސް ކުލަބު، ކުލަބް ގްރީން ސްޓްރީޓްސް، ހުއްރިއްޔާ ސްޕޯޓްސް ކުލަބް، ދަ ގްރާންޑޭ، ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސްޓެލްކޯ އެވެ. މުބާރާތް ބޭއްވުމަށް ސްޓެލްކޯއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް ނިޒާމް ވަނީ ފާހަގަކޮއްފައެވެ.

މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި މުބާރާތުގެ މެޗުތަށް ކުރިޔަށްދާނީ ހަވީރު 16:30 ން ފެށިގެންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖުމްލަ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާ އެވެ. އެހެން ނަމަވެސް އެ ކުލަބު މި ފަހަރު ނުފެންނާއެވެ. ދެން އެންމެ ގިނަ ފަހަރަށް ތަށި ހޯދީ، ތިން ފަހަރު ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. މި މުބާރާތުގެ އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހުޅުމާލޭ ވެޓްރެންސް ކުލަބުންނެވެ. މި އަހރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯއެވެ. މި މުބާރާތު ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.