ދުނިޔޭގެ ޗެމްޕިއަނުންނަށްވުމުގެ ކުރިން އެފްރިކާގެ ޗެމްޕިއަނުންނަށްވުން މުހިންމު ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެގްރަގޫ ބުނެފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެފްކޮން މުބާރާތާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ.
މޮރޮކޯއަށް އެންމެފަހުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލެވިފައިވަނީ 1976 ވަނަ އަހަރުއެވެ. މިމުބާރާތުގެ ޖާގައެއް މޮރޮކޯއަށް މިހާރުވަނީ ކަށަވަރު ވެގެން ގޮސްފައެވެ. އެއީ ކޮލިފައިންގ ގްރޫޕް ކޭ ގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ ދެކުނު އެފްރިކާ އާއި ލައިބީރިއާ މިހާރު ދެމެޗް ކުޅެފައިވާއިރު އެދެޓީމަށްވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި މޮރޮކޯ ވަނީ އެޓީމް މިހާތަނަށް ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. އެހެން ކަމުން އަނެއް ދެޓީމަށް މޮރޮކޯ އާއި އަރާ ހަމަނުކުރެވޭނެތީއެވެ.
މޮރޮކޯވަނީ މިދިޔަ ހޮނިހިރު ދުވަހު ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ބްރެޒިލް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗްވެސް ކާމިޔާބުކޮށްފައެވެ. މިއީ މޮރޮކޯއަށް ދުނިޔޭގގެ ފީފާ ރޭންކިންގގެ އެއްވަނައިގާ އޮތް ޓީމެއް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. ރެގްރަގޫ ވަނީ އެފްރިކާގެ ޗެމްޕިއަނުންނަށް ވެގެން ނޫނީ ދުނިޔޭގެ ޗެމްޕިއަނުންނަށް ނުވެވޭނެކަމަށް އޭނާގެ ކުޅުންތެރިންގާތު ބުނެފައެވެ. ރެގްރަގޫ ހާމަކުރިގޮތުގައި ބްރެޒިލް ބަލިކުރެވުމަކީ އޭނާ އަށާއި އޭނާގެ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެމެޗްގައި މޮރޮކޯއަށް ލަނޑު ޖަހާދިނީ ސޮފިއާން ބޫފާލް އާއި އަބްދުލްހަމީދު ސަބީރީއެވެ. އަދި ބްރެޒިލްއަށް ލަނޑު ޖަހާދިނީ ކަސެމިރޯއެވެ.