ކުޅިވަރު

މައޭމީ އޯޕަން: ކުއާޓާ ފައިނަލުން އެލޭނާ ރީބަކީނާ ޖާގަ ހޯދައިފި


މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގައި 10 ވަނައަށް ސީޑް ކުރެވިފައިވާ ރީބަކީނާ ކްއާޓަރ ފައިނަލުން ޖާގަހޯދީ އެލީސް މާޓެންސް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗް ރީބަކީނާ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. ރީބަކީނާ މިހާރު މިވަނީ އޭނާ އެންމެފަހުން ކުޅުނު 11 މެޗް ކާމިޔާބުކޮށްފައެވެ. އަދި މައޭމީ އޯޕަން ކާމިޔާބުކޮށްފި ކަމަށްވާނަމަ އޭނާ އަށް އެއް ސިޒަނެއްގައި ސަންޝައިން ޑަބަލް ކާމިޔާބު ކުރުމުގެ ޝަރަފު ލިބިގެންދާނެއެވެ. އެއީ އޭނާ މިމަހު ބޭއްވި އިންޑިއަން ވެލްސް މުބާރާތްވެސް ކާމިޔާބުކޮށްފައިވުމުންނެވެ. ކްއާޓަރ ފައިނަލްގައި ރީބަކީނާ ބައްދަލުކުރާނީ އިޓަލީވިލާތުގެ މާޓިނާ ޓްރެވިސާންއާއެވެ. މިއީ 25 ވަނައަށް ސީޑް ކުރެވިފައިވާ ޓްރެވިސާންއަށް ޑަބްލިޔު.ޓީ. އޭ. ވަން ތައުޒަންޑް މުބާރާތެއްގެ ކްއާޓަރ ފައިނަލުން ޖާގަހޯދުނު ފުރަތަމަ ފަހަރެވެ.

ޓްރެވިސާން ކްއާޓަރ ފައިނަލުން ޖާގަހޯދީ ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯ އާއި ބައްދަލުކުރިމެޗް ހައެއް ތިނެއް އަދި ހައެއް ތިނަކުން ކާމިޔާބުކޮށްގެންނެވެ. އެހެން މެޗްތަކަށް ބަލާލާއިރު ދުނިޔޭގައި ތިންވަނައަށް ރޭންކް ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ޕޯލަންޑްގެ މަގްޑާ ލިނެޓް ބައްދަލުކުރިމެޗް ހައެއް އެކެއް އަދި ހަތެއް ފަހަކުން ކާމިޔާބުކުރީ ޕެގޫލާއެވެ. ކްއާޓަރ ފައިނަލްގައި އޭނާ ބައްދަލުކުރާނީ ރަޝިއާގެ އަނަސްޓޭޝިއާ ޕޮޓަޕޯވާ އާއެވެ.