ށ.ކޮމަންޑޫއާއި މަތިކޮމަންޑޫ ބްރިޖަކުން ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބްރިޖަށް ބޭނުންވާ ފައުންޑޭޝަންގެ އެޅުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.
ދެހާހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ށ. ކޮމަންޑޫއަކީ ގިނަ ޢާއިލާތައް ތޮއްޖެހި ދިރިއުޅެން މަޖުބުރުވެފައިވާ އެއް ރަށެވެ. އާބާދީ ކުޑަނަމަވެސް، ބޯހިޔާވަހިކަމާއި އިޤްތިޞާދީ ފުދުންތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ރަށެކެވެ. ރަށުގައި ކުރިން ހިއްކާފައިވާ ސަރަޙައްދެއް އޮތް ނަމަވެސް، އެތަންވެސް އޮތީ ބޭނުން ކުރެވޭ ޙާލަތުގައެއް ނޫނެވެ.
ކޮމަންޑޫގެ ބިމުގެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވީ، ކޮމަންޑޫއާއި އެއް ފަޅެއްގައި އޮތް މަތިކޮމަންޑޫ ހިއްކާ، ދެ ރަށް ބްރިޖަކުން ގުޅާލުމަށެވެ. މި ޕްރޮޖެކްޓްގައި ކޮމަންޑޫގައި ކުރިން ހިއްކާފަ އޮތް ސަރަޙައްދުގެ ރިވެޓްމަންޓް އާކުރުންވެސް ހިމެނެއެވެ.
މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް ފެށީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މި ޕްރޮޖެކްޓްގައި 16.7 ހެކްޓްޓަރު ހިއްކާނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ގޮސްފައިވާ ހިސާބާގުޅޭގޮތުން އެމް.ޓީ.ސީ.ސީއިން ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭ މިހާރު ނިމިފައިވާކަމަށެވެ.
މި ސަރވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯރހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ވަނީ ބަލާފައެވެ. އަދި ސަރވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ތައްޔާރުވަމުންދާކަމަށްވެސް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނެއެވެ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ. ދެ ކޮމަންޑޫ ގުޅާލުމަށް ހިންގާ މި މަޝްރޫޢަކީ 235.75 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ރަށުގައި އިތުރުވެފައިވާ އިޖުތިމާޢީ މައްސަލަތައް ނިމުމަކަށް ގެނައުމަށް މި މަޝްރޫޢަކީ ރަށަށް ވަރަށް މުހިއްމު މަޝްރޫޢެއްކަމަށް އެ ރަށު ކައުންސިލުން ފާހަގަކުރައްވައެވެ. އަދި މި މަޝްރޫޢަކީ ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެއްކަމަށްވެސް ކޮމަންޑޫ ކައުންސިލުން ވިދާޅުވެއެވެ.
ކޮމަންޑޫ ހިމެނޭހެން 5 ރަށެއްގެ ކޯޒްވޭ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި މަޑަވެލި-ހޯނޑެއްދޫ، ފަރެސްމާތޮޑާ، ހޯރަފުށި އަދި މާފުށި ހިމެނެއެވެ.