ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގައި އަންގާރަ ދުވަހު ކުޅުނު މެޗުތަކުން ޝުގަ ކޯން އާއި މީޓިއާސް މޮޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން ޝުގަ ކޯން މޮޅުވީ ވާރުއާ ބައްދަލުކޮށް ހަ ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ޝުގަ ކޯން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 89 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 22 ބޯޅައިން 29 ލަނޑު ހެދި އަޙްމަދު އާމިރެވެ. ޖަވާބުގައި ވާރު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 83 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 21 ބޯޅައިން 30 ލަނޑު ހެދި މުޙައްމަދު ޖިނާހް އިބްރާހީމެވެ.
މި މުބާރާތުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން މީޓިއާސް މޮޅުވީ ޕޮލިސް ކުލަބާ ބައްދަލުކޮށް 37 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން މީޓިއާސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 122 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 2 ބޯޅައިން 57 ލަނޑު ހެދި އިބްރާހީމް އަލީއެވެ. ޖަވާބުގައި ޕޮލިސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 85 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 16 ބޯޅައިން 22 ލަނޑު ހެދި އިސްމާޢީލް ނަސީރެވެ.
މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ.