ޔޫރޯ 2024 ކޮލިފައިން ގްރޫޕް އޭގައި ގިނަބަޔަކު ހައިރާންކޮށްލުމަށްފަހު ސްކޮޓްލަންޑުން ސްޕެއިން ބަލިކޮށްފިއެވެ.
ސްކޮޓްލަންޑްގެ ހެމްޕްޑެން ޕާކްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ސްޕެއިން އިން ބޯޅަ ގެންގުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސްކޮޓްލަންޑުންނެވެ. ސްކޮޓްލަންޑުން މިމެޗް ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗްގެ ހަތްވަނަ މިނެޓްގައި ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާ ސްެޕެއިން އަށް ސިހުންވެސް ގެނުވާފައެވެ.
މިމެޗަށް ސްކޮޓްލަންޑުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވިއިރު ސްޕެއިންއިން ނިކުތީ އެންމެ ފަހުން ނޯވޭ އާއި ކުޅެ ތިން ލަނޑު ސުންލަނޑުން މޮޅުވި ޓީމަށް އަށް ބަދަލު ގެނެސްގެންނެވެ. ނަތީޖާއަކަށްވީ އާންމުކޮށް ސްޕެއިން ޓީމުން ފެންނަ ކުޅުން ފެނިގެން ނުދިއުމެވެ. މިގޮތުން މިސްޕާސް ގިނަވެފައި ވަރަށް ގިނައިން ބޯޅަ ގެއްލޭހާލަތު މިމެޗްގައި އައިސްފައިވާކަން ފާހަގަވިއެވެ.
މިމެޗްގައި ސްކޮޓްލަންޑްގެ ފުރަތަމަ ލަނޑު މެޗްގެ ހަތްވަނަ މިނެޓްގައި ޖަހާދިނީ ސްކޮޓް މެކްޓޮމިނޭއެވެ. މި ލަނޑާއެކު ސްޕެއިންއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ސްކޮޓްލަންޑްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. މިމެޗްގައި ސްކޮޓްލަންޑްގެ ދެވަނަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން މެކްޓޮމިނޭއެވެ. މިލަނޑާއެކު ކުރިންވެސް އުފަލުން ތިބި ސްކޮޓްލަންޑްގެ ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަވެގެންދިޔައެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ސްޕެއިންއިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރި ނަމަވެސް އެޓީމަށް މިކަމުގައި ކާމިޔާބު ވާގޮތެއްނުވިއެވެ.
މިކާމިޔާބީއާއެކު ސްކޮޓްލަންޑުން މިވަނީ 39 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސްޕެއިން ބަލިކޮށްފައެވެ. އަދި ޔޫރޯ ކޮލިފައިންގ ގްރޫޕް އޭގައި ދެމެޗް ކުޅުނު އިރު ސްކޮޓްލަންޑް މިވަނީ ދެމެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރާފައެވެ. ސްޕެއިން އުޅެނީ ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ދެވަނައިގައެވެ. މިގްރޫޕްގައި ރޭ ނޯވޭ އާއި ޖޯޖިއާ ބައްދަލުކުރިމެޗް ނިމުނީ އެއްވަރު ވެގެންނެވެ.