ކުޅިވަރު

ތުރުކީވިލާތް އަތުން ކްރޮއޭޝިއާއަށް މޮޅެއް


ޔޫރޯ 2024 ކޮލިފައިން ގްރޫޕް ޑީގައި ތުރުކީވިލާތާ ދެކޮޅަށް ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކޮށްފިއެވެ.

މިއީ ދާދިފަހުން ތުރުކިވިލާތަށް އައި ބާރުގަދަ ބިން ހެލުމަށްފަހު އެޤައުމުގައި ކުޅުނު ބައިނަލްއަޤްވާމީ ފުރަތަމަ މެޗެވެ. އިސްތަންބޫލްގައި ކުޅުނު މިމެޗް ކްރޮއޭޝިއާ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކްރޮއޭޝިއާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ތުރުކީވިލާތުންނެވެ. މިމެޗް ވަރުގަދަކޮށް ފަށާފައިވަނީ ތުރުކީވިލާތުންނެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު އޮފް ސައީޑް ވުމުން އެއް ހަމަލާ ގަބޫލް ކޮށްފައެއް ނުވެއެވެ. ނަމަވެސް މާގިނައިރު ތަކެއް ނުވި ކްރޮއޭޝިއާއިންވަނީ ގޭމްތެރެއަށް ވަދެ އެޓީމްގެ ކުޅުން ރަނގަޅުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 20 ވަނަ މިނެޓްގައި ކްރޮއޭޝިއާއަށް ކާމިޔާބު ކޮށްދިނީ މެޓިއޯ ކޮވަސިޗްއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކްރޮއޭޝިއާގެ ދެވަނަ ލަނޑު ޖަހާދިނީވެސް ކޮވަސިޗްއެވެ. މިމެޗްގައި ކްރޮއޭޝިއާއަށް ވަނީ ތިންވަނަ ލަނޑެއް ޖަހާނެ ފުރުސަތުވެސް ދެވަނަ ހާފްގައި ލިބިގެން ގޮސްފައެވެ.

މިކާމިޔާބީއާއެކު ކްރޮއޭޝިއާ އަށް މިހާރުވަނީ ދެމެޗުން ހަތަރު ޕޮއިންޓްލިބިފައެވެ. އަދި އެޓީމް އޮތީ ވޭލްސް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގްރޫޕް ޑީގެ އެންމެ ކުރީ ދެޓީމްގެ ގޮތުގައެވެ. ތުރުކީވިލާތް އުޅެނީ ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މިގްރޫޕްގައި ވޭލްސް އާއި ލެޓްވިއާ ބައްދަލުކުރިމެޗް ވޭލްސްވަނީ އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ.