ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޖަރުމަން ބަލިކޮށް، އެ ޓީމު އަތުން 69 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބެލްޖިއަމް މޮޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގައި ކުޅުނު މިމެޗް ބެލްޖިއަމް ކާމިޔާބުކުރީ 3 ލަނޑު 2ލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނުވިލާތުންނެވެ. ނަމަވެސް މިކަމުގެ ފައިދާ ނަގާ ޖަރުމަނަށް ބެލްޖިއަމްގެ މައްޗަށް ކުރި ހޯދޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ބެލްޖިއަމްއިންނެވެ. މިލަނޑަކީ ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރުއިނަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔަނިކް ކަރެސްކޯ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓްފަހުން އަނެއްކާވެސް ޑި ބްރުއިނަރގެ ޕާހަކުން ބެލްޖިއަމްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެންމެ ފަހުން ކުޅުނު މެޗްގައި ހެޓްރިކް ހެދި ރޮމެލޫ ލުކާކޫއެވެ.
މިމެޗްގައި ޖަރުމަނުގެ ފުރަތަމަ ލަނޑު މެޗްގެ 44 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކްރޫގްއެވެ. މިމެޗްގައި ބެލްޖިއަމްގެ ތިންވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދީ އެޓީމަށް އަނެއްކާވެސް ދެލަނޑުގެ ލީޑު ނަގާދިނީ ފުރަތަމަ ދެލަނޑު ޖެހުމުގައިވެސް އެހިތެރިވި ކެޕްޓަން ޑި ބްރުއިނަރއެވެ. މިމެޗްގައި ޖަރުމަނުގެ ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ސަރޖީ ގިނެބްރީއެވެ.
މިއީ ބެލްޖިއަމްގެ ކޯޗް ކަމާއި ޑޮމެނިކޯ ޓެޑެސްކޯ ހަވާލުވިފަހުން އެޓީމް ކުޅެ އަދި މޮޅުވި ދެވަނަ މެޗެވެ. އެޓީމްވަނީ ޔޫރޯ ކޮލިފައިންގައި ސްވިޑްން އާއި ދެކޮޅަށް ކުޅުނު މެޗް ތިންލަނޑު ސުންލަނޑުން މިދިޔަ ހުކުރު ދުވަހު ކާމިޔާބުކޮށްފައެވެ.