ޓޮޓްނަމް ހޮޓްސްޕާގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ޓީމު ދޫކޮށްދިޔަ ނަމަވެސް ކުލަބުގެ ވިސްނުން ހުރީ ރަނގަޅު މިސްރާބަށް ކަމަށް އެ ޓީމުގެ މަނޭޖިން ޑިރެކްޓަރު އޮފް ފުޓްބޯލް ފަބިއޯ ޕަރަޓިޗީ ބުނެފިއެވެ.
ޕަރަޓިޗީ މިކަން ހާމަކޮށްފައިވަނީ ސްޕަރސްގެ ވެބްސައިޓަށް ދިން އިންޓަރވިއުއެއްގައެވެ.
އުމުރުން 53 އަހަރުގެ ކޮންޓޭ ސްޕަރސް ދޫކޮށްދިޔައީ ކްލަބާއި އޭނާއި ދެމެދު ވާހަކަ ދައްކާ އެކަމަށް އެއްބަސްވެރިވެގެންނެވެ. ފަހަކަށް އައިސް ކޮންޓޭ ވަނީ ޓީމްގެ އިސްވެރިންނާއި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ކޮންޓޭ ދިއުމާއެކު އެމަގާމް ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ކްރިސްޓިއަން ސްޓެލީނީ އާއެވެ. މިގޮތުން މިސީޒަން ނިމެންދެން އެމަގާމްގައި ދެން ހުންނާނީ ސްޓެލީނީއެވެ. އަދި އޭނާގެ ދަށުން މަސައްކަތް ކުރާނީ އެޓީމްގެ ކުރީގެ ކުޅުންތެރިޔާ ރަޔަން މޭސަންއެވެ.
ޕަރަޓިޗީ ހާމަކުރިގޮތުގައި މިކަންތައްތަކުގެ ސަބަބުން ކުޅުންތެރިންގެ ވިސްނުމަށް ބުރޫނާރާނެކަމަށެވެ. ސްޕަރސްއިން އެހެން ކޯޗުންގެ ވާހަކަ މިވަގުުތު ނުދައްކާނެކަމަށާއި އެކްލަބްގެ ވިސްނުން ހުރީ ސްޓެލީނީ އާއި މޭސަން އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައެވެ. ސްޓެލީނީވަނީ ކޮންޓޭ ވަރަށް ފަހުން ކުރި އޮޕަރޭޝަނަށްފަހު ޓީމާދުރުގައި ހުރި ދުވަސްވަރުވެސް ޓީމަށް އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައެވެ.
ޕަރަޓިޗީ މިހެން ހާމަކުރި ނަމަވެސް ސްޕަރސްގެ ހުސްވެފައިވާ ކޯޗްކަމުގެ މަގާމަށް އެންމެ ގާތްކަމަށް އިނގިރޭސި މީޑިއާއިން ޝޯޓްލިސްޓް ކޮށްފައިވާ ކޯޗުންގެ ތެރޭގައި އެޓީމްގެ ކުރީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ އާއި ބަޔޭންގެ ކުރީގެ ކޯޗް ޖޫލިއަން ނާގެލްސްމަން އަދި ސްޕެއިން ޤައުމީ ޓީމްގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ ހިމެނެއެވެ.