ކުޅިވަރު

ރިސޯޓު ލީގު އަންނަ މެއި މަހު، ފަށާނީ ނޯތު މާލޭ ޒޯނުން


ރިސޯޓުތަކުގެ މެދުގައި ކުރިޔަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގުގެ މިއަހަރުގެ ކުޅުން އަންނަ މެއި މަހު ނޯތު މާލޭ ޒޯނުން ފަށަން ނިންމައިފިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ރިސޯޓު ލީގު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްދާނެއެވެ. އެގޮތުން މިއަހަރު މި ލީގުގެ ކުޅުން ކުރިޔަށްދާނީ އަށް ޒޯނަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ މުބާރާތް ފަށާނީ ނޯތު މާލޭ ޒޯނުގައެވެ. މި ޒޯނުގެ ކުޅުން މިދިޔަ އަހަރު ބޭއްވީ ވަން އެންޑް އޮންލީ ރީތިރަށުގައެވެ.

ނޯތު މާލޭ ޒޯނަށްފަހު 2 ޖޫންގައި ބޭއްވުމަށް ނިންމާފައިވަނީ ސައުތު އަރި ޒޯނުގެ ކުޅުމެވެ. މި ޒޯނުގެ ކުޅުން މިދިޔަ އަހަރު ކޮންރެޑް މޯލްޑިވްސްގައެވެ. އެއަށްފަހު 12 ޖޫންގައި ދާލު ޒޯނަށްފަހު 4 އޯގަސްޓުގައި ފަށާނީ ބާ ޒޯނުގެ ކުޅުމެވެ. އަދި 27 އޯގަސްޓުގައި ރާ ޒޯނުގެ ކުޅުން ފަށާއިރު، 14 ސެޕްޓެމްބަރުގައި ޅަވިޔަނި ޒޯނުގެ ކުޅުން ފަށާނެއެވެ. އަދި އެންމެ ފަހު ޒޯނުގެ ގޮތުގައި ކުރިޔަށްދާނީ ސައުތު މާލޭ ޒޯނުގެ ކުޅުމެވެ. މި ޒޯނުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 28 ސެޕްޓެމްބަރުގައެވެ.

މުޅި ރާއްޖެ އެކި ޒޯނުތަކަށް ބަހާލައިގެން ބާއްވަމުން އަންނަ ރިސޯޓު ލީގުގެ ދާލު ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސް ހޯދިއިރު ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލޭންޑެވެ. ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން އޮޒެން ރިޒާވް ބޮލިފުށި ހޯދިއިރު ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަރޮސް މޯލްޑިވްސް އެވެ.

މީގެއިތުރުން ނޫނު އަތޮޅަށް ހާއްސަކޮށް ބޭއްވި ނޫނު ޒޯނުގެ ޗެމްޕިއަންކަން ސޮނޭވާ ޖާނީ ހޯދިއިރު ބާ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނޮޓިލަސް މޯލްޑިވްސް އެވެ. އަދި ރ. އަތޮޅު ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖޯލި ބީން އެވެ.