ޚަބަރު

ވިއެޓްނާމުގެ އިޤްތިޞާދީ ދުވެލި ފުރަތަމަ ކުއާޓަރުގައި މަޑުޖެހިއްޖެ


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިއެޓްނާމްގެ އިޤްތިޞާދީ ދުވެލި %3.32 އަށް މަޑުޖެހިއްޖެ ކަމަށް އެޤައުމުގެ ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިޤްތިޞާދީ ދުވެލި މަޑުޖެހިފައި ވަނީ އެޤައުމުން އެކްސްޕޯޓު ކުރި މިންވަރު ދަށްވުމުން ކަމަށް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ވިއެޓްނާމްގެ އިޤްތިޞާދީ ދުވެލި ވަނީ %5.05 އަށް ހަލުއިވެފައެވެ.

ސަރަޙައްދީ އުފެއްދުންތެރިކަމުގެ މަރުކަޒެއް ކަމަށްވާ ވިއެޓްނާމުން އެކްސްޕޯޓުކުރި މިންވަރު މަދުވެފައި ވަނީ ދުނިޔޭގެ ޑިމާންޑް ދަށްވުމުންނެވެ. ޖެނުއަރީ-މާރިޗު މުއްދަތުގައި އެ ޤައުމުން އެކްސްޕޯޓްކުރި މިންވަރު ވަނީ %11.9 އަށް ދަށްވެފައެވެ.

ޖެނެރަލް ސްޓެޓިސްޓިކްސް އޮފީސް، ޖީ.އެސް.އޯ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ވިއެޓްނާމަށް އެންމެ ބޮޑު އެކްސްޕޯޓް އާމްދަނީއެއް ލިބޭ ސްމާޓްފޯނުތަކުގެ ޝިޕްމަންޓް ފުރަތަމަ ކުއާޓަރުގައި %15 އަށް ދަށްވެ، 13 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، އިލެކްޓްރޯނިކްސް ޝިޕްމަންޓް ވަނީ %10.9 އަށް ދަށްވެފައެވެ.

ފުރަތަމަ ކުއާޓަރުގައި ސިނާޢީ އުފެއްދުންތެރިކަން އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %2.3 އަށް ދަށްވެފައިވާއިރު، ޖުމްލަ ޑޮމެސްޓިކް ރީޓެއިލް ސޭލްސްގެ މުދަލާއި ޚިދުމަތްތައް %13.9 އަށް އިތުރުވެފައިވާ ކަމަށް ޖީ.އެސް.އޯއިން ބުނެއެވެ.

މާރިޗު މަހު ކޮންސިއުމަރ އަގުތައް ފެބްރުއަރީ މަހާ އަޅާބަލާއިރު %0.23 އަށް ދަށްވެފައިވާ ކަމަށް ޖީ.އެސް.އޯއިން ބުނެއެވެ. ފުރަތަމަ ކުއާޓަރުގައި އެވްރެޖް ކޮންސިއުމަރ އަގުތައް ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %4.18 އަށް މައްޗަށް ގޮސްފައެވެ.