ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ބާސެލޯނާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ބާސާ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ރޯމާ ފެމިނިލޭ އާއި ބައްދަލުކޮށް 6 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރޯމާގެ ދަނޑުގައި އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ބާރސާއެވެ. އަދި ރޭ ބާރސާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް އެޓީމް ކާމިޔާބުކުރީ 5 ލަނޑު އެއްލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގައި ބާރސާގެ ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ލީޑު ނަގާދިނީ މެޗްގެ 11 ވަނަ މިނެޓްގައި ފްރިޑޯލިނާ ރޮލްފޯއެވެ. މިމެޗްގައި ބާރސާގެ ދެވަނަ ލަނޑު އެޓީމަށް 33 ވަނަ މިނެޓްގައި ޖަހާދިނީ މާރިއާ ލިއޯންއެވެ. އަދި ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ރޮލްފޯއެވެ. ބާރސާގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައި އަސިސާޓް އޮޝޮއަލާ ޖަހާދިން އިރު ފަހު ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ ޕެޓްރީޝިއާ ގުއިހާރޯއެވެ. މިމެޗްގައި ރޯމާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 58 ވަނަ މިނެޓގްައި ޖަހާދިނީ އަނަމާރިއާ ސަރޓުރީނީއެވެ.
މިކާމިޔާބީއާއެކު ބާރސާ ފެމެނިނޯ މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދާފައިވާއިރު ސެމީފައިނަލްގައި ބާރސާ ވާދަކުރާނީ ޗެލްސީ ވިމެން އާއި ލިއޯން ފެމިނީން ބައްދަލުރާ ކްއާޓަރ ފައިނަލުން ކުރި ހޯދާ ޓީމަކާއެވެ.