ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން އާސެނަލް ވިމެން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން އާސެނަލް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އެފްސީ ބަޔޭން މިޔުނިކް ލޭޑީޒް އާއި ބައްދަލުކޮށް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ބަޔޭންގެ ދަނޑުގައި ކުޅެ ބަޔޭން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. އަދި ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް އާސެނަލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. އެހެންކަމުން ދެލެގަށް ބަލާއިރު ޖަހާފައިވާ ލަނޑަށް ބަލާއިރު އާސެނަލްއަށް ކުރި ލިބޭތީއެވެ. އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގްގައި ގިނައިރު ބަޔޭންއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެެވެ.
މިމެޗްގައި އާސެނަލް ކޮޅަށް މިކްއާޓަރ ފައިނަލް އަނބުރާލާފައިވަނީ ފުރަތަމަ 26 މިނެޓްގެ ތެރޭގައި ކާމިޔާބުކުރި 2 ލަނޑާއެކުއެވެ. މިގޮތުން މިމެޗްގައި އާސެނަލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާދިނީ ފްރިޑާ މާނުމްއެެވެ. އަދި ދެވަނަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހާދިނީ ސްޓިނާ ބްލެކްސްޓެއިނިއަސްއެވެ. އާސެނަލްގެ ފަރާތުން މިމެޗްގެ ފުރަތަމަ ހާފްގައި ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން ބަޔޭންއަށް ސިހުން ގެނުވިކަން ފާހަގަވިއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އާސެނަލްއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް މިއާސެނަލްއަށް އިތުރު ލަނދެއް ޖެހުނަނުދީ ހިފެހެއްޓުނީ ބަޔޭންގެ ކީޕަރ މާރިއާ ލުއިސާ ގްރޯސްގެ ހުޝިޔާރު ކަމުންނެވެ.
މިކާމިޔާބީއާއެކު ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖާގަލިބިގެންދިޔައިރު މިއި ބަޔޭންގެ މައްޗަށް ހޯދުނު ތާރީހީ ކާމިޔާބީއެއްވެސްމެއެވެ.