ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ ހައިރާން ކުރުވި ނަތީޖާ ނެރުނު ސައުދީ އަރަބިއާ ޤައުމީ ޓީމްގެ ކޯޗް ކަމުގެ މަގާމްގައި ހުރި ހާވީ ރެނާޑް ފަރަންސޭސި އަންހެން ޤައުމީ ޓީމާއި ހަވާލުވާން ނިންމައިފިއެވެ.
މިގޮތުން ރެނާޑް މިހާރުވަނީ ސައުދީ އަރަބިއާގެ ޤައުމީ ޓީމްގެ ކޯޗްކަމުން ވަކިވެސްވެފައެވެ.
ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަކުރިގޮތުގައި އުމުރުން 54 އަހަރުގެ ރެނާޑްވަނީ އޭނާ އާއި އެކު ހެދިފައިވި އެއްބަސްވުން ބާތިންކޮށްދިނުމަށް އެދިފައެވެ. އަދި މިކަމާއި ގުޅިގެން ފަރަންސޭސި ފެޑެރޭޝަންގެ ފަރާތުންވެސް ސިޓީއެއް ލިބިގެންދިޔަކަމަށް ސައުދީ އެސޯސިއޭޝަނުން ހާމަކުރިއެވެ. އަދި އެއާއެކު ރެނާޑް އެދުނު ގޮތަށް އޭނާ ދޫކޮށްދިނިކަމުގައިވެއެވެ. ރެނާޑް އަށް މިފުރުސަތު ލިބިގެންމިދިޔައީ ގިނަ ކުޅުންތެރިންތަކެއް އެމާގްގައި ހުރި ކޮރީން ޑިއާކްރޭ ގެ ކޯޗް ކަމުގެ ދަށުން ނުކުޅޭނެކަމަށް ހާމަކޮށްފައިވުމުގެ ސަބަބުން އޭނާ މަގާމުން ވަކިކޮށްފައިވުމުންނެވެ. ރެނާޑް ފަރަންސޭސި އަންހެން ޓީމާ ހަވާލްވާއިރު އޭނާއަށް އޮތް އެންމެ ފުރަތަމަ މަސައްކަތަކަށް ވެގެންދާނީ މިއަހަރުގެ ޖުލައި މަހުގެ ވިހިން އޯގަސްޓް މަހުގެ ވިއްސަށް ބޭއްވުމަށް ހަމަޖެހިފައިވާ ވިމެންސް ވާރލްޑް ކަޕަށް ފަރަންސޭސި އަންހެން ޓީމް ތައްޔާރު ކުރުމެވެ.
ރެނާޑް ސައުދީ ޓީމާއި ހަވާލްވެފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި މިދިޔަ އަހަރު ނިމިގެންދިޔަ ފިފާ ވާރލްޑް ކަޕަށް އެޓީމް ކޮލިފައިކޮށްދިނެވެ. އަދި މިހާތަނަށް ވާރލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާ ކަމަށްވާ އާޖެންޓީނާގެ މައްޗަށް ފަހަތުން އަރާ 2 ލަނޑު އެއްލަނޑުގެ ކާމިޔާބީއެއްވަނީ ހޯދާދީފައެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ސައުދީ އަރަބިއާ ކުޅުނު އެންމެ ފަހު މެޗަކަށް ވެގެންދިޔައީ ބޮލީވިއާ އާއި ދެކޮޅަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗެވެ.