ކުޅިވަރު

އޯޕަން ޓޭޕްބޯލް: އޮއްފު އާއި އޭއާރްސީއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގައި ބުދަ ދުވަހު ކުޅުނު މެޗުތައް އޮއްފު އެފްސީ އާއި އޭއާރްސީން ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ކިންޒާ އާ ބައްދަލުކޮށް އޮފްއެފްސީ މެޗު ކާމިޔާބުކުރީ 13 ލަނޑުންނެވެ. ދެވަނަ މެޗް މެރީކޯނާއާއި ބައްދަލުކޮށް އޭއާރުސީ ކާމިޔާބުކުރީ 103 ލަނޑުންއެވެ.
ފުރަތަމަ މެޗް ގުރުދިމާވުމުން އޮފްއެފްސީ ކުޅެންއަރާ 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 97 ލަނޑެވެ.

އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 25 ލަނޑު ހެދި އަހުމަދު އަފްޒަލް އާއި 17 ލަނޑު ހެދި އަހްމަދު މަހުލޫފެވެ. ޖަވާބުގައި ކިންޒާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 84 ލަނޑެވެ.

ދެވަނަ މެޗުގެ ގުރުދިމާވުމުން އޭއާރުސީ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން ހެދިފައިވަނީ 183 ލަނޑެވެ. ޖަވާބުގައި މެރީކޯނަރ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 3 ކުޅުންތެރިން ނުބައިވެގެން 80 ލަނޑު ހެދިއެވެ.

މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ.