ރާއްޖޭގެ ކުޅިވަރުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށް، ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ޚާއްސަ ކުރެވިގެން ގާއިމުކުރެވުނު ޖިމް ކަމަށްވާ "ސެންޓަރ ފޯރ ފިޓްނަސް އެންޑް ސްޕޯޓްސް ރިހެބިލިޓޭޝަން" ހުޅުވައިފިއެވެ.
އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށް، ޖިމް ހުޅުވާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ ފުޓްބޯޅަ ނޫސްވެރިޔާ، އިޓަލީގެ ފަބްރީޒިއޯ ރޮމާނޯއެވެ.
އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުންމީދީ ގިނަ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން އަރުތަ ޖިމް ހިންގުން ހަވާލުކޮށްފައިވަނީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ އަރުތަ ޖިމް ހިންގުން ބީބީއެމްއާ ހަވާލުކުރީ އެ އެސޯސިއޭޝަނުގެ ފަރާތުން ސެޓިފައިޑް ކޯޗުންނާއި ކަމާގުޅޭ ސްޕެޝަލިސްޓުންގެ އެހީތެރިކަމާއެކުގައި ގައުމީ ޓީމުތަކުގެ އެތުލީޓުންގެ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކަމަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ އަރުތަ ޕްރޮގްރާމް ފެށީ ވަރަށް މުހިންމު ސަބަބަކަށްޓަކައި ކަމަށާއި އެގޮތުން ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މީގެ ކުރީ ފަހަރަށްވުރެ ގިނަ މެޑެލް ހާސިލުކުރުމަކީ ކުޅިވަރާ ބެހޭ ވަޒީރުގެ އެއް އަމާޒުފުޅު ކަމަށެވެ. އެހެންކަމުން އަރުތަ ޕްރޮގްރާމް އަދި އަރުތަ ޖިމްއާއެކު އެކަން ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަޚުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.