ކުޅިވަރު

އޯޕަން ޓޭޕްބޯލް: ތިން މެޗުންވެސް މޮޅުވެ އެމްއޭސީއެލްއަށް އެއްވަނަ


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުން މޮޅުވެ ގްރޫޕް އޭގެ އެއްވަނަ އެމްއޭސީއެލްއިން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން އެމްއޭސީއެލް މޮޅުވީ އެވިއާ މޯލްޑިވްސްއާ ވާދަކޮށް ފަސް ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އޭވިއާ މޯލްޑިވްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއެއް ނުބައިވެގެން ހެދިފައިވަނީ 114 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 31 ލަނޑު ހެދި މުޙައްމަދު ޝަހުދާން އާއި ނުބައިނުވެ 18 ބޯޅައިން 25 ލަނޑު އެއްކުރި އިބްރާހީމް ރިޒާނެވެ.

ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި އަށްވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 116 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުވަ ބޯޅައިން 35 ލަނޑު ހެދި އަމީލް އަޙްމަދު މައުރޫފާއި ނުވަ ބޯޅައިން 32 ލަނޑު އެއްކުރި އިސްމާޢީލް އަނިލެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 52 ލަނޑުން މޮޅުވީ ކޭޑީއެމްއެވެ.

މި މެޗުގެ ގުރު ދިމާވުމުން ކޭޑީއެމް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ 183 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުވަ ބޯޅައިން 36 ލަނޑު ހެދި މުޙައްމަދު ރިޝްވާނާއި 12 ބޯޅައިން 32 ލަނޑު ހެދި މުޙައްމަދު އާމިރުގެ އިތުރުން 10 ބޯޅައިން 31 ލަނޑު އެއްކުރި ހުސެއިން ރިމާޒެވެ.

ޖަވާބުގައި ސިފައިންގެ ކުލަބު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 131 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 19 ބޯޅައިން 35 ލަނޑު ހެދި އިސްމާޢީލް ނާޝިދާއި 11 ބޯޅައިން 31 ލަނޑު އެއްކުރި މުޙައްމަދު ޝަރީފެވެ.

މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމު ސެމީއަށް ދަތުރުކުރާއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރުވަނަ ޓީމަކަށެވެ.

ގްރޫޕް އޭގެ އެއްވަނަ އެމްއޭސީއެލްއިން ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނަ ލިބުނު އެވިއާއަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ނިންމި ކޭޑީއެމްއަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި ނިންމި ސިފައިންގެ ކުލަބަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ.