ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މުޅިން އަލަށް ބާއްވާ "މޯލްޑިވްސް ބީޗް ވޮލީބޯލް ޗެލެންޖް 2023" ގެ ސީރީސް އެކެއްގެ ކުޅުން ފަށައިފިއެވެ.
ބީޗް ވޮލީބޯލް ޗެލެންޖް ގިންތި ކުރެވިފައިވަނީ ސީރީސް އެކެއް އަދި ސީރީސް ދޭއް މި ގޮތަށެވެ. އެ ގޮތުން ސީރީސް އެކެއްގައި ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭއިރު، މި ސީރީސްގެ ގަދަ 16 ޓީމު ސީރީސް ދޭކަށް ކޮލިފައިވާނެއެވެ. އަދި އެ ގަދަ 16 ގެ މެދުގައި ކުޅެވޭ ބުރަށްފަހު، މި އަހަރުގެ އޮކްޓޯބަރު މަހު އޮތް ގައުމީ ބީޗް ވޮލީބޯޅަ މުބާރާތަށް ގަދަ އަށް ޓީމު ކޮލިފައިވާނެއެވެ.
މޯލްޑިވްސް ބީޗް ވޮލީބޯލް ޗެލެންޖުގެ ސީރީސް އެކެއްގެ ކުޅުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފެށިއިރު، މުބާރާތުގެ މެޗުތައް ކުޅެނީ ހުޅުމާލޭ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓުގައެވެ.
މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލެވިގެން ކުރިއަށްދާ އޯޕަން ޑްރޯގައި ވާދަކުރަނީ ދެ ކުޅުންތެރިންގެ ޕެއާގެ ޓީމުތަކެވެ. މި ކެެޓެގަރީގައި ނޮކައުޓް އުސޫލުން ފިރިހެން ބައިގައި 20 ޕެއާ ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 14 ޕެއާ ވާދަކުރެއެވެ. އަދި ވެޓެރަންސް ޑިވިޝަން ޚާއްސަ ކުރެވިފައިވަނީ ހަތަރު ކުޅުންތެރިންގެ ޕެއާގެ ޓީމުތަކަށެވެ. މި ކެޓެގަރީގެ އަންހެން ބައިގައި ތިން ޓީމު އަދި ފިރިހެން ބައިގައި ހަތަރު ޓީމު ވާދަކުރެއެވެ.
މި ފަހަރުގެ ބީޗް ވޮލީބޯޅަ ޗެލެންޖަކީ އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، ވީއޭއެމްއިން ކަަލަންޑަރުކޮށްގެން ބާއްވާ ގައުމީ ފެންވަރުގެ ފުރަތަމަ ބީޗް ވޮލީބޯޅަ މުބާރާތެވެ.