ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިއޯން ބަލިކޮށް ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ޗެލްސީ ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި ލިއޯންއާ ބައްދަލުކޮށް 2-2 ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމް އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ތިން ލަނޑުން މޮޅުވެގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ލިއޯންގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޗެލްސީއެވެ. އަދި ރޭ ކުޅުނު ދެވަނަ ލެގް ޗެލްސީގެ ދަނޑުގައި ކުޅެ 90 މިނެޓްގެ ކުޅުން ހަމަވިއިރު އެއްލަނޑު ސުންލަނޑުން ކުރި ހޯދީ ލިއޯން ކަމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތު ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. މިގޮތުން އިތުރު ވަގުތުގައި ދެޓީމުންވެސް އެއްލަނޑު ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހަން ޖެހުނީއެވެ.
ރޭ ކުޅުނު ދެވަނަ ލެގްގައި ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިއޯންއިންނެވެ. މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ ވެނޭސާ ގިލްސްއެވެ. މިލަނޑާއެކު ދެޓީމް އެގްރިގޭޓް ނަތީޖާއިން އެއްލަނޑު އެއްލަނޑުން އެއްވަރު ވުމުން އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނެވެ.
އެގޮތުން މެޗްގެ 110 ވަނަ މިނެޓްގައި ލިއޯންގެ ސާރާ ޑަބްރިޓްޒް ޖަހާދިން ލަނޑާއެކު މިކުރިމަތިލުމުގައި ލިއޯންއިން ފުރަތަމަ ފަހަރަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދިއެވެ. ނަމަވެސް އިތުރު ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޗެލްސީއަށް ލިބިގެންދިޔަ ޕެނަލްޓީއާއެކު މެޗްގެ އޮއެވަރު ޗެލްސީ ކޮޅަށް އެނބުރިގެންދިޔައެވެ. ވީއޭއާރް ބެލުމަށްފަހު ޗެލްސީގެ ވިކީ ބެޗޯއަށް ލިއޯންގެ ލޯރެން ޖޭމްސް ފައުލްކުރިކަން ހާމަވެގެން ދިއުމާއެކު ޗެލްސީއަށް އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ތަނަވަސްވެގެންދިޔައެވެ. މިޕެނަލްޓީ ޗެލްސީއަށް ކާމިޔާބުކޮށްދިނީ މަރެން މިޔެލްޑަރއެވެ.
މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި ޗެލްސީގެ ކީޕަރ އާން ކެތްރިން ބާގާ ވަނީ ލިއޯންގެ ލިންދްސީ ހޯރާން އާއި ވެންޑީ ރެނާޑްގެ ޕެނަލްޓީ މަތަކޮށްދީ މިމުބާރާތުގެ ސެމީ ފައިނަލަށް ޗެލްސީ ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
މިމުބާރާތުގެ ސެމީފައިނަލްގައި ޗެލްސީ ބައްދަލުކުރާނީ ބާސެލޯނާއާއެވެ.