ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ވުލްފްސްބާގުން ކަށަވަރުކޮށްފިއެވެ.
ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ކްއާޓަރ ފައިނަލްގެ ކުރިމަތިލުން ދެ ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދީ ވުލްފްސްބާގުންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ޕީއެސްޖީގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ވުލްފްސްބަރގްއެވެ. އަދި ރޭ ކުޅުނު ދެވަނަ ލެގް ވުލްފްސްބަރގްގެ ދަނޑުގައި ކުޅެ ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.
ރޭ ކުޅުނު ދެވަނަ ލެގްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 20 ވަނަ މިނެޓްގައި ޖަހާދީ މިމެޗްގެ ލީޑު ނަގާފައިވަނީ ވުލްފްސްބަރގްއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފޯވަޑް އެލެގްޒެންޑަރ ޕޮޕްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 10 މިނެޓްފަހުން ޕީއެސްޖީގެ ކަޑިޑިއާޓޫ ޑިއާނީ ޖަހާދިން ލަނޑައެކު އެޓީމަށް ހިތްވަރު އާވެގެންދިޔައެވެ. މިމެޗްގެ ދެވަނަ ހާފްގައި ޕީއެސްޖީއަށް ލަނޑު ޖަހާނެ ފުރުސަތު ލިބިގެން ދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ.
މިކާމިޔާބީއާއެކު ވުލްފްސްބަރގް ސެމީފައިނަލުން ޖާގަހޯދާފައިވާއިރު ސެމީފައިނަލްގައި މިއަންނަ އެޕްރީލް މަހުގެ 22 ވަނ ދުވަހު ބައްދަލުކުރާނީ އާސެނަލް ވިމެން އާއެވެ.