ކުޅިވަރު

ފޮރެސްޓުގެ ފޯވާޑް ވުޑްއަށް އަނިޔާވެ މި ސީޒަނުގައި ދެން ނުކުޅެވޭނެ


އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އަންނަ ކްރިސް ވުޑްއަށް އަނިޔާވެ، އޭނާއަށް މި ސީޒަނުގެ ބާކީ އޮތް ދުވަސްތަކުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ލޯން އެއްބަސްވުމެެއްގެ ދަށުން ފޮރެސްޓާ ގުޅުނު ވުޑްއަށް އަނިޔާވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކުުޅުނު މެޗްގައެވެ.

މިއަނިޔާއާއެކުވެސް ވުޑް ވަނީ އިންޓަރނޭޝަނަލް ބްރޭކްގައި ނިއުޒީލަންޑް ކުޅުނު މެޗްތަކުގައި ބައިވެރިވުމަށް ގޮސްފައެވެ. ނަމަވެސް މައުލޫމާތުލިބިފައިވާގޮތުގައި އޭނާ މިފަހަރު ނިއުޒީލަންޑަށް ކުޅެފައެއް ނުވެއެވެ.

ފޮރެސްޓްގެ ކޯޗް ސްޓީވް ކޫޕަރ ހާމަކުރިގޮތުގައި އެޓީމްގެ ބައެއް އެހެން ކުޅުންތެރިންގެ ފިޓްނަސްއާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. މިގޮތުން ފޯވަޑުން ކަމަށްވާ ބްރެންނަން ޖޯންސަން އާއި އަންޑްރޭ އަޔޫ އަދި ފަހަތަށް ކުޅޭ ސާޖް އޯރިއޭގެ އިތުރުން މެދުތެރެއިން ކުޅޭ ގުސްޓާނޯ ސްކާޕާވެސް މި ލިސްޓުގައި ހިމެނެއެވެ. އަދި އަނިޔާގައި ތިބި ޓައިވޯ އަވޮނިޔީ އާއި ޗެއިކޫ ކޮޔާޓޭ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

ފޮރެސްޓް މިވަގުތު އުޅެނީ ތާވަލްގެ 16 ވަނައިގައެވެ. އަދި މިއަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ 13 ވަނައިގާ އުޅޭ ވުލްވަރހެމްޕްޓަން ވޮންޑަރަރސްއާއެވެ.