ކުޅިވަރު

މައޭމީ އޯޕަން: ސެމީ ފައިނަލުން މެޑްވެޑޭވް ޖާގަ ހޯދައިފި


މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލުން ރަޝިއާގެ ޑަނީލް މެޑްވެޑޭވް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން މެޑްވެޑޭވް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އެމެރިކާގެ ކްރިސްޓޮފަރ އިއުބޭންކްސް އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގައި ހަތަރު ވަނައަށް ސީޑް ކުރެވިފައިވާ މެޑްވެޑޭވް މިމެޗްގެ ސެޓްތައް ކާމިޔާބުކުރީ ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ. މިމުބާރާތުގެ ސެމީފައިނަލްގައި މެޑްވެޑޭވް ވާދަކުރުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ އެހެން ކުޅުންތެރިއެއް ކަމަށްވާ ކަރެން ހާޗަނޯވް އާއެވެ. ހާޗަނޯވް ސެމީފައިނަލުން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އާޖެންޓީނާގެ ފްރަންސިސްކޯ ސެރުންޑޯލޯ އާއި ބައްދަލުކޮށް ހައެއް ތިނެއް އަދި ހައެއް ދެއަކުން ކާމިޔާބުކޮށްގެންނެވެ. މިއީ މެޑްވެޑޭވް ސެމީފައިނަލަށް ޖެހިޖެހިގެން ދަތުރު ކުރި ފަސްވަނަ މުބާރާތެވެ.

މިމުބާރާތުގެ އަންހެނުންގެ ބަޔަށް ބަލާލާއިރު ޗެކް ރިޕަބްލިކްގެ ޕެޓްރާ ކްވިޓޯވާ ވަނީ ރަޝިއާގެ އެކަޓެރީނާ އެލެގްޒެންޑްރޯވާ އާއި ބައްދަލުކޮށް 2 ސެޓް އެއްސެޓުގެ ކާމިޔާބީއެއް ހޯދާ ސެމީފައިނަލުން ޖާގަހޯދާފައެވެ. މިމެޗް ކްވިޓޯވާ ކާމިޔާބުކުރީ ހައެއް ހަތަރެއް، ތިނެން ހައެއް އަދި ހައެއް ތިނަކުންނެވެ. ސެމީ ފައިނަލްގައި ކްވިޓޯވާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރުމޭނިއާގެ ސޮރާނާ ސަރސްޓިއާ އާއެވެ.