އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މިއަދު ބައްދަލުކުރާ މެޗްގައި ސިޓީގެ ފޯވަޑް އަރލިންގ ހާލަންޑް މުޅިން ފިޓްނުވި ނަމަވެސް ފަހަރެއްގައި ކުޅުވަފާނެކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ މިއަދުގެ މެޗާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
އުމުރުން 22 އަހަރުގެ ހާލަންޑްވަނީ އޭނާ އެންމެފަހުން އެފްއޭ ކަޕްގައި ބާންލީ އާއި އެކު ކުޅެ މޮޅުވި މެޗްގައި ލިބުނު އަނިޔާ އަކާއި ގުޅިގެން އިންޓަރނޭޝަނަލް ބްރޭކްގައި ނޯވޭ އަށްވެސް ކުޅެވޭގޮތް ނުވެފައެވެ. އަދި މިހާރު އަންނަނީ އެއަނިޔާއަށް ފަރުވާ ހޯދާ ފިޓްވުމަށް މަސައްކަތް ކުރަމުންނެވެ.
ޕެޕް ބުނީ އޭނާ ހާލަންޑާމެދު ގޮތެއް ނިންމާނީ ރޭގެ ފަރިތަ ކުރުންތަކަށްފަހު ޑޮކްޓަރުންނާއި ހާލަންޑާ ވާހަކަ ދެއްކުމަށްފަހުއެވެ. ޕެޕް ހާމަކުރިގޮތުގައި ބައެއް ފަހަރު ދިރިއުޅުމަކީ ރިސްކެއް ކަމަށާއި އަދި ބައެއް ފަހަރު އެރިސްކް ނަގަން ޖެހޭ ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި މިސީޒަންގައި ސިޓީއިންވަނީ ގިނަ ލަނޑު ތަކެއް ޖަހާފައިކަމަށާއި އަދި ހާލަންޑް ވަނީ އޭގެ ތެރެއިން ގިނަ ލަނޑު ތަކެއް ޖަހާދީފައެވެ. ހާލަންޑް ވަނީ މިސީޒަންގައި ސިޓީއާއި ގުޅުނު ފަހުން ކުޅުނު 37 މެޗްގައި 42 ލަނޑު ޖަހާދީފައެވެ. އަދި އިންގްލިޝް ޕްރިމިއަރ ލީގުގައި އޭނާވަނީ 26 މެޗްގައި 28 ލަނޑު ޖަހާފައެވެ.
މިއަދުގެ މިމެޗަކީ ސިޓީއިން ލީގަށް ވާދަކުރާކަމަށްވާނަމަ މޮޅުވުން ވަރަށް މުހިންމު މެޗެކެވެ. ސިޓީ މިވަގުތު އޮތީ ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އަށް ވުރެ އަށް ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ނަމަވެސް ސިޓީ އެއް މެޗް މަދުން ކުޅެފައިވުމުން މިފަރަގު ފަސް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. މިމެޗާއި ކުރިމަތިލާއިރު ސިޓީގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ފިލް ފޯޑެން ނުފެންނާނެކަންވަނީ ޔަގީންވެފައެވެ. ފޯޑެންވަނީ މިދިޔަ އާދިއްތަ ދުވަހު އެޕެންޑިކްސް އޮޕަރޭޝަނެއް ކޮށް އަރާމު ކުރަމުންނެވެ. މައުލޫމާތުލިބިފައިވާގޮތުގައި ފޯޑެން ދެން ފެނުން ގާތީ ތިން ހަފްތާ ފަހުންނެވެ.